ދިވެހި ސަރުކާރުން ގެންގުޅޭ އިންޑިއާ ފަސްޓް ޕޮލިސީގެ ސަބަބުން، ދިވެހީންނަށް ލިބުނު އެއްވެސް ފައިދާއެއް ނެތްކަމަށާއި، އޭގެ ބަދަލުގައި އެހެން ގައުމުތަކާ ދިވެހީންނާ ޖެހުނީކަމަށް ރިޔާސީ ކެންޑިޑޭޓް ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ސަންގު ބަހުސުގައި ޚަރިޖީ ސިޔާސަތާގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅުގައި ކުރީގެ ދާޚިލީ ވަޒީރު ވިދާޅުވީ، "އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތުގެ ކޮންޓްރޯލް މުޅިން އެއްކޮށް ގެއްލިއްޖެ މި ސަރުކާރު އައިފަހުން. އަޅުގަނޑުމެން އިންޑިއާއަށް ބަރޯސާވެ، އިންޑިއާއަތުން އަޅުގަނޑުމެން ދަރަނިނަގައި، އިންޑިއާ ފަސްޓް ޕޮލިސީގެ ދަށުން އެމީހުންގެ ސިފައިން މިތާ ބައިތިއްބައި، އަޅުގަނޑުމެންގެ އަތުން ކަނޑުގެ ބައެއް އިހަކަށް ދުވަހު ގެއްލިގެން އެދިޔައީވެސް، އިންޑިއާގެ ޕްރެޝަރުގައި މިސަރުކާރުން ދޫކޮށްލައިގެން،" ކަމަށެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގެ މިހާތަނަށް ގެންގުޅެމުންއައި އިންޑިއާ ފަސްޓް ޕޮލިސީ ދޫކޮށްލާން ޖެހޭ ކަމަށެވެ. އެގޮތުން "މިހާ ހިސާބަށް އަޅުގަނޑުމެން ގެންގުޅުނު އިންޑިއާ ފަސްޓް ޕޮލިސީގެ ދަށުން، ދިވެހީންނަށް ލިބުނީ ކުރިއެރުމެއް ނޫން، ދިވެހީންނަށް އެހެން ގައުމުތަކާ ޖެހުނީ،" ކަން އޭނާ ފާހަގަކުރެއްވިއެވެ.

ޢުމަރު ވިދާޅުވީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން މިހާރު ގެންގުޅޭ އިންޑިއާ ފަސްޓް ޕޮލިސީއާ މެދު ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އެގޮތުން މިސާލެއްގެ ގޮތުގައި، ރާއްޖެއަށް ބޭނުންވާ ސިއްހީދާއިރާގެ 6000އަށް ވުރެ ގިނަ މެދުފަންތީގެ ޑޮކްޓަރުންނާ އެނޫން ފަރާތްތައް ވޭތުވެ ދިޔަ 5 އަހަރު ތެރޭ ރާއްޖެއަށް ގެނެސްފި ކަމަށާއި، އަދި ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އިންޑިއާ މީހުންގެ އަތްދަށަށް ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.