ހިންދޫ ދީނުގެ މަޝްހޫރު ފާދިރީއެއް ކަމަށްވާ ޑރ. ގަނޭޝް ޑޫބޭ މާލޭގެ ގެސްޓްހައުސްއެއްގައި، ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކަށް ރޫހާނީ ހައްލު ހޯދައިދޭ ކްލާސްތަކެއް ނަގައިދޭން ހިންގި ޢަމަލަކީ، ކަނޑައެޅިގެން ރާއްގޭގެ ދުސްތޫރީ ނިޒާމަށް ގޮންޖަހައި، ދިވެހިންގެ އިސްލާމީ ވަންތަކަން ފޮހެލުމަށްޓަކައި ދުރާލައި ރޭވިގެން ހިންގޭ ނުރައްކާތެރި ޖަރީމާ އެއްގެ ގޮތުގައި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ސިފަކުރައްވައިފިއެވެ. އެމަނިކުފާނު ސިފަކުރެއްވި ގޮތުގައި މިއީ ވަލިއްޔުލްއަމްރުގެ އެންމެ އަސާސީ ވާޖިބުކަމަށްވާ ދީން ޙިމާޔަތްކުރުމުގައި ފެއިލްވެފައިވާ ކަމުގެ ދަލީލެކެވެ.

ޑރ. ގަނޭޝް ޑޫބޭ މާލޭގައި ނަގައިދޭ ކްލާތައް ޕްރޮމޯޓްކޮށް ސޯޝަލްމީޑިއާގައި ދައުރުވާ ޕޯސްޓަރެއް ޝެއަރކުރައްވައި، ޑރ. ޢަބްދުﷲ ދީދީ ކުރެއްވި އެކްސްއެއް (ކުރީގެ ޓްވިޓަރ)ގައި ވިދާޅުވީ، "މިއީ ކަނޑައެޅިގެން ދިވެހިރާއްޖޭ ގެ ދުސްތޫރީ ނިޒާމާއި، ދިވެހިރާއްޖޭގެ [ނިޒާމުޢާންމު] އަށް ގޮންޖަހައި، ދިވެހިންގެ އިސްލާމީ އައިޑެންޓިޓީ ފޮހެލުމަށްޓަކައި ދުރައިލައި ރޭވިގެން ހިންގޭ ނުރައްކާތެރި ޖަރީމާ އެއް،" ކަމަށެވެ.

އަދި "މިއީ އިސްލާމީ ދައުލަތެއްގެ [ވަލިއްޔުލްއަމްރު]ގެ އެންމެ އަސާސީ ވާޖިބުކަމަށްވާ ދީން ޙިމާޔަތްކުރުމުގައި ފެއިލްވެ، ކޮށްގެން ހުރި ހުވަޔާވެސް ޚިލާފުވެފައިވާ ކަމުގެ ދަލީލެއް،" ކަމަށްވެސް ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އެމަނިކުފާނު ގޮވާލެއްވީ، "މިކަމުގައި ބައިވެރިވާ އެންމެން އެއްވެސް އިސްތިޘްނާއެއްނެތި ޤާނޫނުގެ ކުރިމައްޗަށް ގެންނަންޖެހޭ!" ކަމަށެވެ.

ދިވެހި ފުލުހުން ވަނީ، "ޓޫރިސްޓް ވިސާގައި ރާއްޖެ އައިސް ހުރި އިންޑިއާ މީހަކު، ދިމާވާ ގޮންޖެހުންތަކަށް ރޫހާނީ ހައްލު ހޯދައިދޭ ކްލާސްތަކެއް ހިންގާކަމަށް ބުނެ، ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައިވާކަން ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން އެމީހާއާއި އެކަމުގައި ބައިވެރިވާ ކަމަށް ބެލެވޭ އިތުރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވި، އެކަމާ ގުޅޭ މައުލޫމާތު ސާފުކުރުމުގެ މަސައްކަތް ގެންދަނީ ކުރަމުން،" ކަމަށް ބުނެފައެވެ.

މިފަހަކަށް އައިސް ރާއްޖޭގައި ހިންދޫ ދީނުގެ ކަންކަން ކުރިއަރުވަން، ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރެވެއެވެ. އަދި ޚާއްސަކޮށް، ރާއްޖެއާ އިންޑިއާއާ މިފަހަކަށްއައިސް އުފެދިފައިވާ ގަދަފަދަ ޚާރިޖީގުޅުމުގެ ނާޖާއިޒު ފައިދާ މިފަދަ ކަންކަން ޕްރޮމޯޓްކުރާން ބަޔަކު އަންނަނީ ކެނޑިނޭޅި ނަގަމުންނެވެ.

ރާއްޖޭގެ ދީނީ އެއްބައިވަންތަކަމުގެ ގާނޫނުގެ ދަށުން އެކުލަވާލައިފައިވާ ގަވާއިދުގައިވާ ގޮތުން، ދިވެއްސަކަށް ވިޔަސް އަދި ބިދޭސީއަކަށް ވިޔަސް މިރާއްޖޭގައި، އިސްލާމީ އަގީދާއާ ފުށުއަރާ ގޮތަށް ދީނީ ނަސޭހަތެއް ނުދެވޭނެއެވެ. އަދި އިސްލާމް ދީން ނޫން ދީންތަކުގެ ފޮތްތަކާއި އެ ދީންތައް ފަތުރައި ކުރިއަރުވާ ފޮތްތައް އާންމު ތަންތާގައި ގެންގުޅުމާއި އެފަދަ ލިއުންތައް ދިވެހި ބަހަށް ތަރުޖަމާކޮށްގެން ބެހުން ނުވަތަ އާންމު ކުރުމަކީ، ގަވާއިދުގައިވާ ގޮތުން މަނާ ކަމެކެވެ.