މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ހުށަހަޅުއްވަވާފައިވާ، "ވެށިފަހި މާލެ- އަބުރުވެރިހަޔާތެއް" ސިޔާސަތު ގިނަބަޔަކަށް ކަމުގޮސް، އެ ސިޔާސަތަށް ތައުރީފުކުރާން ފަށައިފިއެވެ.

ދަ ޑިމޮކްރެޓްސްގެ ފަރާތުން މާލޭގެ ރައްޔިތުންނަށް ހުށަހަޅާ ބޯހިޔާވަހިކަމުގެ ހައްލަކީ، 110 ބިލިއަން ރުފިޔާއިން މިހާރުވެސް ދަރަނިވެރިވެފައިވާ ދައުލަތުގެ ބަޖެޓަށްވެސް އެންމެ ލުއިކޮށް، އަދި މުސްތަގުބަލަށް ވިސްނައިފި ނަމަ، އެންމެންގެ ފައިދާއަށް އެންމެ ރަނގަޅަށް ކުރިއަށް ގެންދެވޭނޭ ބޯހިޔާވަހިކަމުގެ ސިޔާސަތެވެ.

ދަ ޑިމޮކްރެޓްސްގެ "ވެށިފަހި މާލެ ޢަބުރުވެރި ޙަޔާތެއް"، ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، މާލޭގައި ބޯހިޔާވަހިކަމަށް ޖެހިފައިވާ 16193 ޢާއިލާއަށް، ގިނަވެގެން 18 ވަރަކަށް މަސްދުވަހުގެ ތެރޭގައި ސީދާ މާލޭން ފެންވަރު ރަނގަޅު ބޯހިޔާވަހިކަން ދެވޭނޭ ހަގީގީ ތަޞައްވުރެއް އިލްޔާސް ވަނީ ހުށަހަޅުއްވައިފައެވެ. އަދި އެ ތަޞައްވުރު ހަގީގަތަކަށް ހެއްދެވުމުގެ ފުރުޞަތު އޭނާއަށް ދެއްވުމަށް ރިޔާސީ ކެންޑިޑޭޓް ނަންބަރު 7 ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ޑިމޮކްރެޓުން ވަނީ، އިލްޔާސް ލަބީބުގެ ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން މާލޭގެ 255 ނަންބަރު ބްލޮކް ބަދަލުވެގެންދާނެ ގޮތުގެ ކުރެހުމެއްވެސް ހިއްސާކޮށްފައެވެ. އަދި މިބަދަލު މުޅި މާލެއަށް ގެނެވޭނޭ ކަމަށާއި، މި ބަދަލާއެކު މާލޭގެ ތޮއްޖެހުން އެއްކޮށް ނައްތާލެވޭނެކަމަށް އެފަރާތުން ބުނެއެވެ.

މީގެ އިތުރުން، މާލެ ރީޑިޒައިން ކުރާއިރު، އެއްވެސް އާޢިލާއެއް މިހާރު ދިރިއުޅޭ ތަނުން ގަދަކަމުން ބަދަލު ނުކުރާނޭ ކަމަށާއި، އަދި ބަދަލުވާން ބޭނުންވާ ޢާއިލާތަކަށް، ސެމީ-ލަގްޜަރީ 3 ރޫމް އަދި 2 ރޫމް އެޕާޓްމަންޓާއި، ކުރީން ދިރިއުޅުނު ތަނަށްވާ، ފައިސާގެ ބަދަލާއި، އަދި ބިން ދޫކޮށްލާން ޖެހޭ ފަރާތްތަކަށް، ގްރޭޓަރ މާލެ ސަރަހައްދުން ބިންވެސް ދޭގޮތަށް ޑިމޮކްރެޓުން ވަނީ ހުށަހަޅައިފައެވެ.

އިލްޔާސްގެ ހުށަހެޅުއްވުމުގައި ވާގޮތުން، އެންމެ ފުރަތަމަ ހުސްކުރާނީ އެންމެ ބޮޑަށް ތޮއްޖެހިފައިވާ 10 ކޮށްޓެވެ. އަދި އެ 10 ކޮށީގައި ދިރިއުޅުނު މީހުން، އަލަށް ޢިމާރާތްކުރާ 15 ބުރީގެ 5 ކޮންޑޯއަށް ބަދަލުކުރާނީއެވެ. އޭގެ ފަހުން، ކުރީން އެހުސްކުރެވުނު 10 ކޮށި އަލުން ޢިމާރާތްކޮށް ދެން އެންމެ ތޮއްޖެހިފައިވާ 20 ކޮށީގެ މީހުން އެތަނަށް ބަދަލުކުރާނީއެވެ. އޭގެ ފަހުން ކުރީން ހުސްކުރެވުނު 20 ކޮށި އަލުން ޢިމާރާތްކޮށް ދެން އެންމެ ތޮއްޖެހިފައިވާ 40 ކޮށީގެ މީހުން އެތަނަށް ބަދަލުކުރާނީއެވެ. އެއަށް ފަހު، ކުރީން ހުސްކުރެވުނު 40 ކޮށި އަލުން ޢިމާރާތްކޮށް ދެން އެންމެ ތޮއްޖެހިފައިވާ 80 ކޮށީގެ މީހުން އެތަނަށް ބަދަލުކުރާނީއެވެ. މިގޮތުގެ މަތީން 5 އަހަރުގެ ދައުރު ނިމޭއިރު މުޅި މާލެއެއްކޮށް ބަދަލުވެގެން ދާނެއެވެ.

ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން އަލުން ބިނާކުރާ ބްލޮކެއްގެ މިހާރުގެ ހާލަތު

 

ޑިމޮކްރެޓުންގެ ކުރުމުއްދަތުގެ ބޯހިޔާވެހިކަމުގެ މަޝްރޫޢުގެ ދަށުން، ފުރަތަމަ 18 މަސްދުވަހުގެ ތެރޭގައި މިވަގުތު މާލޭގައި ހުސްކޮށް ހުރި، ކޮށިތަކުގެ ތެރޭން 111، 351، 355، 356، 366، މި ބްލޮކްތަކުގައި ސިންގަޕޫރާއި މެލޭޝިއާ ފަދަ ކުރިއަރާފައިވާ ގައުމުތަކުގައިވެސް ޢިމާރާތްކޮށްފައިވާ ފަދަ ފެންވަރު ރަނގަޅު ޒަމާނީ ޚިދުމަތްތައް އެކުލެވޭ 15 ބުރީގެ 5 ކޮންޑޮމީނިއަމް އަޅާން ވަނީ ނިންމައިފައެވެ. އެންމެ މިޒަމާނުގެ މުނިފޫހި ފިލުވުމުގެ ވަސީލަތްތަކާއި، ފިހާރަތަކާއި، ޕާކިންގ އޭރިޔާތަވެސް ހިމެނޭގޮތަށް، ކުޑަކުދީންނަށް ޑޭކެއަރ ސެންޓަރުތަކާއި، އުމުރުން ދޮށީމީހުންވެސް ބެލޭނޭ އިންތިޒާމާއެކު ހަދާ 2،347 އެޕާޓްމަންޓުގެ މި 5 ކޮންޑޮމީނިއަމް އަޅަން ޚަރަދުވާނޭކަމަށް އެފަރާތުން ލަފާކުރަނީ 3.9 މިލިއަން ރުފިޔާއެވެ.

މިތަންތަނަށް އެންމެ ފުރަތަމަ ބަދަލުކުރާނީ މާލޭގެ އެންމެ ބޮޑަށް ތޮއްޖެހިފައިވާ 10 ބްލޮކްގައި ދިރިއުޅޭ ރައްޔިތުންނެވެ. އަދި މިތަނަށް ބަދަލުވާން ބޭނުންވާ 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ކޮންޑޮމީނިއަމް ޔުނިޓެއް ލިބޭނެއެވެ.

ޑިމޮކްރެޓުން އަންދާޒާކުރާ ގޮތުން، މާލޭގައި މިވަގުތު އެންމެ ބޮޑަށް ތޮއްޖެހިފައިވާ 10 ބްލޮކްގައި ދިރިއުޅޭ 18 އަހަރުން މަތީގެ 4187 މީހުން އަބުރުވެރި ދިރިއުޅުމަކަށް ބަދަލުކުރާއިރު، އެފަރާތްތަކުން ދޫކޮށްލާ ބިންތަކަސް ބަދަލުގެ ގޮތުގައި ދައުލަތުން ދޭންޖެހޭނީ ގާތްގަނޑަކަށް 2.8 ބިލިއަން ރުފިޔާއެވެ.

ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން އަލުން ބިނާކުރާ ބްލޮކަކަށް ގެނެވޭ ބަދަލު

 

ޑިމޮކްރެޓުންގެ ހުށަހެޅުމުގައި ވާގޮތުން، އެ ޕާޓީގެ 5 އަހަރުގެ ދައުރެއް ނިމޭއިރު، މާލޭގެ 25،000 ޢާއިލާއަކަށް ސީދާ މާލޭން ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެއެވެ.

މީގެ އިތުރުން، މާލެ އަތޮޅު ހުރާ، ހިންމަފުށި އަދި ތުލުސްދޫއަކީ، ގްރޭޓަރ މާލޭގެ ބައެއްގެ ގޮތުގައި ކަނޑައަޅައި، މާލެއާ އެއް ފެންވަރަށް އެ ތަންތަންވެސް ތަރައްގީކޮށް، އެތަންތަނުގައި މީހުން އާބާދުކުރުމުން މިހާރު މާލެއަށް ދިމާވެފައި ތޮއްޖެހުން އެއްކޮށް ހައްލުކުރެވޭނޭކަމަށް އިލްޔާސް ވަނީ ވިދާޅުވެފައެވެ. 

ޑިމޮކްރެޓުންގެ ފަރާތުން، އިލްޔާސް ލަބީބު މާލެއަށް ގެނެސްދެއްވާ ބޯހިޔާވަހިކަމުގެ ހައްލު ރައްޔިތުންނާ ޚިއްސާކުރެއްވުމުގައި އެންމެ ބުރަކޮށް ކުޅުއްވަނީ، ކުރީގެ ރައީސް ނަޝީދުކަން ފާހަގަކޮށްލެވެއެވެ.

ޑިމޮކްރެޓުން ދަނީ، މާލޭގައި އެންމެ ބޮޑަށް ތޮއްޖެހިފައިވާ 10 ބްލޮކްގައި ދިރިއުޅޭ 18 އަހަރުން މަތީގެ 4187 މީހުންނަށް ވަކިވަކީން މެސެޖް ރައްދުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިކަމާ ދެކޮޅަށް ބައެއް ފާޑުކިޔުންތައް ހުރިނަމަވެސް، ޑިމޮކްރެޓުންގެ މި މަސައްކަތް ކުރިއަށް ދާއިރު، ގިނަ ބަޔަކު ދަނީ، މި ތަޞައްވުރުގެ ވާހަކަ ދައްކައި، އަދި މިއީ ހަގީގަތަކަށް ހެދޭނޭ ރަނގަޅު ޕްލޭނެއްކަމަށް ބުނަމުންނެވެ.