މަޝްހޫރު ޓެސްލާ ކުންފުންޏާއި އެކްސް (ކުރީގެ ޓްވިޓަރ) ކުންފުނީގެ ވެރިޔާ އަދި ދުނިޔޭގެ އެންމެ ބޮޑު އެއް މަހުޖަނުކަމަށްވާ އެމެރިކާގެ އީލަން މަސްކްގެ ސްޕޭސްއެކްސް ކުންފުނީގެ ސްޓަރލިންކް އިންޓަނެޓްގެ ޚިދުމަތް ރާއްޖެއަށް ފޯރުކޮށްދިނުމަށް ހުއްދަދޫކޮށްފިއެވެ.

ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)އިން ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް އަލަށް ހުއްދަދޫކުރީ، ސްޕޭސް އެކްސް ކުންފުނީގެ ސްޓާލިންކް ޚިދުމަތް ރާއްޖެއަށް ދިނުމަށް އުފައްދާފައިވާ ސްޓަރލިންކް ސަރވިސަސް މޯލްޑިވްސް އަށެވެ.

ބުރާސްފަތި ދުވަހު ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، ސްޓަރލިންކާ ލައިސަންސް ހަވާލުކޮށްދެއްވީ ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާއެވެ. ސްޓާލިންކްގެ ފަރާތުން ލައިސަންސާ ހަވާލުވެވަޑައިގަތީ ސްޕޭސްއެކްސްގެ ސީނިއަރ ޑިރެކްޓަރު ގްލޯބަލް ލައިސަންސިންގ އެންޑް އެކްޓިވޭޝަން، ރަޔަން ގުޑްނައިޓެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ސެޓެލައިޓް މެދުވެރިކޮށް އިންޓަނެޓްގެ ހިދުމަތްދޭ އެމެރިކާގެ ސްޕޭސް އެކްސް ކުންފުނީގެ ދަށުން އުފައްދާފައިވާ، ސްޓަރލިންކް މޯލްޑިވްސްއަށް ލައިސަންސް ދިނުމަށް ބޭއްވި ހަފްލާގައި، ރާއްޖޭގައި އަގުބޮޑު، އެހެނަސް ޒަމާނީ އިންޓަރނެޓްގެ ޚިދުމަތް ފޯރުކޮށްދެމުން ގެންދާ ތިން ކުންފުނި ކަމަށްވާ، ދިރާގާއި، އުރީދޫ އަދި ރާއްޖެއޮންލައިންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

ރާއްޖެއަކީ ދެކުނުއޭޝިއާގެ ގައުމުތަކުގެ ތެރޭން ސްޓަރލިންކުގެ ޚިދުމަތަށް ލައިސަންސް ދޫކުރި ފުރަތަމަ ގައުމެވެ. ނަމަވެސް، އެ ޚިދުމަތް ރާއްޖޭގައި ދޭންފަށާނޭ ދުވަހެއް އެކުންފުނިން އަދި ނުބުނެއެވެ.

މިނިސްޓަރު ޝައުނާ ވިދާޅުވީ، ފާއިތުވި އަހަރުތަކުގައި ސަރުކާރުން އަބަދުވެސް މަސައްކަތްކުރީ ފެންވަރު ރަނގަޅު އަދި އަތްފޯރާ އަގެއްގައި އިންޓަނެޓްގެ ހިދުމަތް އާންމުންނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށާއި، ސްޓަރލިންކުގެ ޚިދުމަތާއެކު އެ ފުރުސަތު އިތުރަށް ފަހުވެގެން ދާނޭ ކަމަށެވެ.