ޓެސްލާއާއި އެކްސް (ކުރީގެޓްވިޓަރ)ގެ ވެރިޔާ އަދި ދުނިޔޭގެ އެންމެ ބޮޑު އެއް މަހުޖަނު ކަމަށްވާ، އެމެރިކާގެ އީލޮން މަސްކްގެ ސްޕޭސް އެކްސްގެ "ސްޓާލިންކް" އިން ފޯރުކޮށްދޭ ސެޓެލައިޓް އިންޓަނެޓްގެ ޚިދުމަތް ދޫކުރި މި ސަރަހައްދުގެ ފުރަތަމަ ޤައުމުގެ ގޮތުގައި ދިވެހިރާއްޖޭން މި ޚިދުމަތް ދޭން ފަށައިފިއެވެ. 

ސްޓާލިންކުގެ ސެޓެލައިޓް އިންޓަނެޓްގެ ޚިދުމަތް ލިބޭ ޤައުމުތަކުގެ ޗާޓުގައި މިހާރު ރާއްޖެ ހިމަނާފައި ވާއިރު، ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން ސްޓާލިންކްގެ ޚިދުމަތް އެންމެ ފުރަތަމަ ލިބެން ފެށި ޤައުމަކަށް ރާއްޖެއެވެ.

ފުރަތަމަ އިންސްޓޯލްމަންޓަށް ކުރާ ހޭދަ، ބޮޑު ނަމަވެސް، ސްޓަރލިންކު އިންޓަނެޓްގެ ޚިދުމަތަށް ދައްކާން ޖެހޭ މަހުފީ އުޅެނީ 1000 ރުފިޔާއަށެވެ.

ސްޓާލިންކް ވެބްސައިޓުގައިވާގޮތުން 4 ސަރވިސް ޕްލޭނެއް ރާއްޖޭގެ ކަސްޓަމަރުންނަށް ލިބޭނެއެވެ. އެގޮތުން ގޭބީސީތަކުގައި ބޭނުންކުރަން ޙާއްސަ ޕެކޭޖުގައި 200 އެމްބީޕީއެސްއާ ހަމައަށް ސްޕީޑް ލިބެއެވެ. މި ޚިދުމަތް ހޯދަން ކަސްޓަމަރުން ނެޓްވޯކާ ގުޅެން، ސެޓެލައިޓް ޑިޝް ކިޓެއް އިންސްޓޯލް ކުރަން ޖެހެއެވެ. އެ ޑިޝް ކިޓުގެ އަގަކީ 10،000 ރުފިޔާއެވެ.

ސްޓާލިންކްގެ އިންޓަނެޓް ޚިދުމަތް ރާއްޖެއަށް ދޭން ފަށާފައިވާއިރު، މި ޚިދުމަތް މިހާރުވެސް ދުނިޔޭގެ 60 އަށް ވުރެ ގިނަ ޤައުމުގައި ދަނީ ދެމުންނެވެ. މި ޚިދުމަތަކީ ކުޑަ އެންޓަނާއެއް ބޭނުންކޮށްގެން އިންޓަނެޓް ލިބޭ ޚިދުމަތެކެވެ.

ރާއްޖޭގައި 4 ވަނައަށް މުއާސަލާތީ ޚިދުމަތް ދިނުމުގެ ލައިސަންސް ދޫކުރި، ސްޓަރލިންކު މޯލްޑިވްސްގެ ޚިދުމަތަށް ސްޓަރ ލިންކުގެ ވެބްސައިޓް މެދުވެރިކޮށް އެދެވޭނެއެވެ.