އަވައްޓެރި އިންޑިއާގެ އިރުއުތުރު ސަރަހައްދެއް ކަމަށްވާ، މިޒޮރާމް ސްޓޭޓްގެ ސައިރާންގެ ޓައުނުގައި ހަދަމުންދިޔަ ބްރިޖެއް ވެއްޓި، އެތަނުގައި މަސައްކަތްކުރަމުން ދިޔަ މީހުންގެ ތެރޭން މަދުވެގެން 18 މީހަކު މަރުވެފައިވާ ކަމަށް، ރިޕޯޓުތައް ބުނެފިއެވެ.

އެ ސްޓޭޓްގެ ޗީފް މިނިސްޓަރު ޒޯރަމްތަންގާއާ ހަވާލާދީ ސީއެންއެންއިން ބުނީ، ބްރިޖްވެއްޓުމުގެ ހާދިސާގައި މަދުވެގެން 18 މީހަކު މަރުވެ، އެތަކެއް ބަޔަކު ޒަޚަމްވެފައިވާ ކަމަށެވެ.

މިޒޮރާމްއަކީ، އިންޑިއާގެ ބޯޑަރު ބަނގުލަދޭޝް އާއި މިޔަންމާއާ ގުޅޭ ސަރަހައްދުގައި އޮންނަ ފަރުބަދަމަތީ ސަހަރެކެވެ.

ސައުތު އެފްރިކާގައި މިހާރު ކުރިއަށްދާ ބްރިކްސް އިކޮނޮމިކް ގްރޫޕް ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާން ގޮސް އުޅުއްވާ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީވެސް ވަނީ، މި ހިތާމަވެރި ހާދިސާގައި މަރުވި އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައެވެ. އަދި އަދި އެ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ގާތްގަނޑަކަށް 2500 ޑޮލަރު (38،550 ރުފިޔާ) އަދި ޒަޚަމްވި ކޮންމެ މީހަކަށް 600 ޑޮލަރު (9،252 ރުފިޔާ) ދެއްވާނޭކަމަށް ވިދާޅުވިއެވެ.

އަންގާރަ ދުވަހު ހިނގި ބްރިޖް ވެއްޓުމުގެ މި ހާދިސާއަކީ، މިފަހަކަށް އައިސް އިންޑިއާގައި ހިނގި މިފަދަ ފުރަތަމަ ހާދިސާއެއް ނޫނެވެ. އިންޑިއާގެ ޓްރާންސްޕޯޓް ނެޓްވޯކް ވަރުގަދަކުރަން އެގައުމުން މިލިއަން ޑޮލަރުގެ މަޝްރޫޢުތައް ހިންގަމުންދާއިރު، ބްރިޖް ވެއްޓުމުގެ އެތަކެއް ހާދިސާއެއް ހިނގައި، އެތަކެއް ބަޔަކު ވަނީ މަރުވެފައެވެ.

މިދިޔަ ޖޫން މަހު، އިންޑިއާގެ އުތުރުން އޮން ބިހާރު ސްޓޭޓުން ގަންގާ ކޯރު ހިއްސާކުރާ ސަރަހައްދުން އަޅަމުން ދިޔަ 4 ލޭން ބްރިޖެއް ވެއްޓި އެތަކެއް ބަޔަކު މަރުވި ހާދިސާއާއެކު އެގައުމުގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ މަސައްކަތުގެ ފެންވަރާމެދު ވަނީ ސުވާލުއުފެދިފައެވެ. މިއީ އެ ބްރިޖްވެސް އަހަރެއްގެ ތެރޭގައި ވެއްޓުނު 2 ވަނަ ފަހަރެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ގުޖްރާތުގައި، ވަރަށް ފަހުން މަރާމާތުކޮށްފައިވާ ބްރިޖެއް ވެއްޓި 35 މީހަކު މަރުވި ހާދިސާއެއްވެސް ހިނގިއެވެ.

ރާއްޖޭގައި މިހާރު ކުރިއަށް ގެންދާ އެންމެ ބިޔަ ބްރިޖް މަޝްރޫއުކަމަށްވާ، "ތިލަމާލެ ބްރިޖް"ގެ މަސައްކަތްކުރަނީ އިންޑިއާ ކުންފުންޏަކުންނެވެ. އެތަކެއް ދުވަސް ފާއިތުވެގެން ދިޔައިރު، އެ ބްރިޖްގެ އެންމެ ތަނބެއްވެސް އަދި ނުބެހެއްޓިވާއިރު، ނުރައްކާތެރި އެތަކެއް ހާދިސާއެއް ތިލަމާލެ ބްރިޖް ސައިޓްގައި ހިނގާފައިވެއެވެ.