ރާއްޖޭގައި އިސްލާމްދީނުގެ ޝިޢާރު ފެތުރުއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ އަދި އެތަކެއްހާސް ރައްޔިތުންގެ ހިތްތަކުން ޤަދަރާއި ލޯތްބާއި ޢިހްތިރާމް ހޯއްދަވާފައިވާ މަޝްހޫރު ދީނީ ޢިލްމުވެރިޔާ، ފަޟީލަތުއްޝައިޚު ޢުޘްމާން ޢަބްދުﷲ، ޢުމުރުފުޅުން 85 އަހަރުގައި އަވަހާރަވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން، ޢުޘްމާން ޢަބްދުﷲ އަވަހާރަވީ ފަތިސްނަމާދު ކުރެއްވުމަށް ވުޟޫކުރެއްވުމަށްފަހު އެނދުގައި އޮންނަވަނިކޮށެވެ.

ޢުޘްމާން ޢަބްދުﷲއަކީ ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ގިނަގުނަ މަސައްކަތް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ދީނީގޮތުން ޢާއްމުން ހޭލުންތެރިކަން އިތުރުކުރެއްވުމަށް މަސައްކަތްކުރެއްވުމުގެ އިތުރުން، މަޢުޙަދުއްދިރާސާތުލް އިސްލާމިއްޔާގައި މުދައްރިސެއްގެ ގޮތުގައި ދިގުމުއްދަތެއްވަންދެން ޚިދުމަތްކުރެއްވިއެވެ. އަދި އިމާމުން ތަމްރީނުކުރާ ކޯހުގައި ކިޔަވައިދެއްވައި އެތައް އިމާމުންނެއް އުފެއްދެވުމުގައިވެސް ޚަރަކާތްތެރިވެވަޑައިގަތެވެ.

އިސްލާމްދީނުގެ ހޭލުންތެރިކަން އިތުރުކުރުމާއި، ޚިދުމަތްކުރުމާއި، ދިނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ޤައުމީ އިނާމާއި ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 2012 ސަރުކާރުންވަނީ ޝައިޚު ޢުޘްމާން ޢަބްދުﷲއަށް ދެއްވާފައެވެ.

ޝައިޚުގެ ޢައިލާއިން މައުލޫމާތު ދޭގޮތުން، ޢުޘްމާން ޢަބްދުﷲ އަވަހާރަވީއިރު ޢުމުރުން ދުވަސްވުމުގެ ސަބަބުން ކުރިމަތިވެވަޑައިގަންނަވާ ކަމެއް ފިޔަވާ، ބޮޑު އާލާސްކަންފުޅެއް ނެތްކަމަށްވެއެވެ.

އައްޝައިޚު  ޢުސްމާން  ޢަބްދުﷲގެ ފުރާނަފުޅަށް  މާތްﷲ ހެޔޮ ރަޙްމަތް ލައްވައި، ޢާއިލާއަށް ކެތްތެރިކަން ދެއްވައި ޘަވާބު  އިތުރުކުރައްވާށިއެވެ.  އާމީން!