ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ރައީސްގެ ކޮއްކޯފުޅު ޝައިޚް ސަޢީދު ބިން ޒާއިދު އަލް ނަޙްޔާން އިއްޔެގެ ވަގުތެއްގައި އަވަހާރަވުމާއި ގުޅިގެން ޔޫއޭއީގެ ރައީސް، ޝައިޚް މުޙައްމަދު ބިން ޒާއިދު އަލް ނަޙްޔާންއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފޯނުން ގުޅުއްވައި ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

އަބޫދާބީގެ ވެރިޔާއަށް ރައީސް އިބްރާހީމް ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި ޝައިޚް ސަޢީދު ބިން ޒާއިދު އަލް ނަޙްޔާން އަވަހާރަވުމަކީ ފުން ހިތާމައެއް ލިބިވަޑައިގެންނެވި ކަމެއްކަމުގައި ވިދާޅުވިއެވެ. އަދި ރައީސް އިބްރާހީމް ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ އިޙްލާޞްތެރި ތަޢުޒިޔާ ޔޫއޭއީގެ ޝާހީ ޢާއިލާއާއި ސަރުކާރާއި ރައްޔިތުންނަށް ފޮނުއްވާފައެވެ.

ރައީސް އިބްރާހީމްގެ ވާހަކަފުޅުގައި ޝައިޚް ސަޢީދު ބިން ޒާއިދު އަލް ނަޙްޔާންގެ ޢާންމު ޚިދުމަތްތަކަށް ތަޢުރީފުކުރައްވައި އެކަންކަމަކީ ޔޫއޭއީގެ ރައްޔިތުން ލޯތްބާއެކު އަބަދުވެސް ހަނދާން އާކުރާނެ ކަންތައްތަކެއްކަން ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނު ޤައުމަށްޓަކައި ކުރެއްވި ޚިދުމަތްތަކުން އަންނަން އޮތް ޖީލުތަކުން ހިތްވަރު ލިބިގަންނާނެކަމަށް އުންމީދުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.