ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަކީ އަމިއްލަ ބާރުގައި އެއްވެސް ކަމެއް ކުރެވޭން އޮތް ތަނެއް ނޫންކަމަށާއި، ބަޔަކު ދިނިއްޔާ ކަންކަން ކޮށްގެން ތިބޭން ޖެހޭތަނެއް ކަމަށްވިދާޅުވެ، އެ ކޯޓުގެ މިނިވަންކަމާ މެދު ފަނޑިޔާރު ހުސްނުއްސުޢޫދު ސުވާލުއުފައްދަވައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ގާނޫނަށް ގެނައި އިސްލާހަކާ ގުޅިގެން 2020 ވަނަ އަހަރުގެ އޯގަސްޓް މަހު، ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ވަނީ، މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފައެވެ. އެ މުވައްޒަފުން އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން އެ ޓްރައިބިއުނަލުން ނިންމީ ޑީޖޭއޭގެ ނިންމުން ގޯސްކަމަށެވެ. އަދި ހައިކޯޓުގައި އެ މައްސަލަ ޑިޖޭއޭއިން އިސްތިއުނާފް ކުރުމުން އެ ކޯޓުންވެސް ނިންމީ އެ މީހުން ވަޒީފާއިން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށެވެ. ދެން މި މައްސަލަ އިސްތިއުނާފްކުރީ ސުޕްރީމް ކޯޓުގައެވެ.

ސުޕްރީމް ކޯޓުގައި ބޭއްވި މި މައްސަލައިގެ އަޑުއެހުމުގައި ފަނޑިޔާރު ސުޢޫދުގެ ސުވާލުތައް އަމާޒުކުރެއްވީ، ޑީޖޭއޭއަށް ޖޭއެސްސީގެ ނުފޫޒު ފޯރުވަނީ ކީއްވެތޯއާއި އަދި ކޯޓުތަކުގެ އިދާރީ ހިންގުމަށްވެސް ޖޭއެސްސީން ބާރުފޯރުވާ ސަބަބާގުޅުވައިގެންނެވެ.

ސުޢޫދުގެ ސުވާލުތަކާ ގުޅުވައިގެން ޖޭއެސްސީގެ ވަކީލު ފަތުހުﷲ އިސްމާއިލް ވިދާޅުވީ، ޖުޑިޝަރީގެ އާންމު އިދާރީ ކަންކަން ބެލެހެއްޓުމަކީ ޖޭއެސްސީގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށާއި، ޑީޖޭއޭއަކީ އެ މަގުން ކަންކަން ތަރުތީބު ކުރުމަށް އުފައްދާފައިވާ އިދާރާއެއް ކަމަށެވެ.

މުވައްޒަފުންނާ ބެހޭ އިދާރީ ހިންގުމާ ބެހޭ ގަވައިދުތައް ވެސް ހަދާނީ ޖޭއެސްސީންތޯ ވެސް ސުއޫދު އެއްސެވި އެވެ. ވަކީލު ފަތުހުﷲ ވިދާޅުވީ، އެ ބާރު އޮންނަނީ ޑީޖޭއޭއަށް ދީފައި ކަމަށާއި އެކަމަކު ސިޔާސަތުތައް ކަނޑައެޅުމުގެ ބާރު ޖޭއެސްސީއަށް އޮންނާނެ ކަމަށް ވިދާޅުވި އެވެ.

މުވައްޒަފުންނާ ބެހޭ އިދާރީ ހިންގުމާ ބެހޭ ގަވައިދުތައް ވެސް ހަދާނީ ޖޭއެސްސީންތޯ ސުވާލުއުފައްދަވައި، ގާނޫނުއަސާސީގެ 156 ވަނަ މާއްދާއާ ހަވާލާދެއްވައި ސުޢޫދު ވިދާޅުވީ، ކޯޓުތަކަށް އަމިއްލައަށް އިދާރީ ހިންގުމާ ބެހޭ ގަވައިދު ހެދުމުގެ ބާރު ލިބިގެންވާ ކަމަށް ގާނޫނުއަސާސީގައި ބުނާކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން އެކުލަވައިލާ ގާނޫނަކުން އެ ބާރު ނިގުޅައިގަނެވޭނެތޯ ސުވާލުކުރެއްވިއެވެ.

އެއަށްފަހު ވަރަށް ބޮޑަށް ހިތްޕުޅު ހަމަނުޖެހިވަޑައިގެން ހުންނަވައި ފަނޑިޔާރު ސުޢޫދު ވިދާޅުވީ، ޖޭއެސްސީއަށް ހުރިހާ ބާރުތަކެއް އޮންނަ ކަމަށް ބުނާއިރު، ދެ އަހަރު ވެގެންދާއިރު ސުޕްރީމް ކޯޓަށް ސެކެޓްރީ ޖެނެރަލްއަކު އައްޔަންކޮށް ނުދެވުނުކަމަށެވެ. އަދި ކޯޓުގެ ހުރިހާ މަސައްކަތެއް ކުރާން ޖެހެނީ 7 ފަނޑިޔާރުން ކަމަށާއި، ކޯޓުތައް ހިންގާން އިދާރީ މުވައްޒަފުން ހަމަޖައްސައި ނުދެވޭއިރު، އެބޭފުޅުން އެ ތިއްބެވީ ކޮން ނުފޫޒެއްގެ ދަށުވެފައިތޯ ވިދާޅުވެ ފަނޑިޔާރުގެ އިހްސާސްތައް ބަންޑުންކޮށްލިއެވެ.

"މި ކޯޓަކަށް މިނިވަންކަމެއް ނެތް މި ކޯޓުގެ މުވައްޒަފުން ލާކަށް. މި ކޯޓު ހިންގޭކަށް ނެތް. ބަޔަކު ދިނިއްޔާ އަޅުގަނޑުމެން ކައިގެން މި ތިބެނީ. ބަޔަކު ދިނިއްޔާ ފޮތާއި ފަންސުރާ މި ލިބެނީ. ބަޔަކު ދިނިއްޔާ މުވައްޒަފުން މި ލިބެނީ." ވިދާޅުވެ ވާހަކަފުޅު ދެއްކެވިއެވެ.

އަދި ސުޕްރީމް ކޯޓު ވަނީ އިދާރީގޮތުން ހުއްޓިފައިކަމަށާއި، " އެކަމަކު، އަޅުގަނޑުމެންނަކީ މިނިވަން ފަރާތަކޭ ދައުލަތުގެ އެއް ބާރެކޭ މި ބުނަނީ. ކިހިނެއްތޯ ސަސްޓެއިން ކުރަނީ މި އާގިއުމެންޓް،" ވިދާޅުވެ ސުޕްރީމް ކޯޓުގެ މިނިވަންކަމާމެދު އޭނާ ސުވާލުއުފެއްދެވިއެވެ.

ސުޢޫދުގެ ސުވާލަށް ޖަވާބުދެއްވަން ދަތިފުޅުކަމަށް އޭއެސްސީގެ ވަކީލު ވިދާޅުވުމުންވެސް ސުޢޫދު ވިދާޅުވީ، ސުޕްރީމް ކޯޓަށް ސެކެޓްރީ ޖެނެރަލެއް ލިބޭނެ އިރެށް ބައްލަވާން ބޭނުންފުޅުވާ ކަަމަށެވެ.