މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރުން ޢާންމު ކޮށްފައިވާ، މި ސަރުކާރުން ހިންގާ ގެދޮރުވެރިޔާ މަޝްރޫޢުގެ ދަށުން ފްލެޓް ލިބޭކަމަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ދިރިއުޅުމުގެ ޙާލު ބަލާން އެ މިނިސްޓްރީން އަންނަ ހަފްތާގެ ތެރޭގައި ނުކުންނާނޭކަމަށް މިނިސްޓްރީން ބުނެފިއެވެ.

ހައުސިން މިނިސްޓްރީން އަންގާރަ ދުވަހު ގެޒެޓްކުރި ލިސްޓުގައި ފުލެޓަށް އެދި ޖުމްލަ 20،697 މީހުން ފޯމު ހުށަހަޅާފައި ވާއިރު، އޭގެތެރޭން ތިން ކޮޓަރީގެ އެޕާޓްމަންޓަށް އެދި 14،489 ފޯމް އަދި ދެ ކޮތަރީގެ އެޕާޓްމަންޓަށް އެދި 6،208 ފޯމް ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި ދެ ކޮޓަރީގެ އެޕާޓްމަންޓަށް ޝަރުތު ހަމަވާ 4،319 ފަރާތެއް ހިމެނޭއިރު، 3 ކޮޓަރީގެ އެޕާޓްމަންޓަށް ޝަރުތު ހަމަވާ 10،727 ފަރާތަކާއެކު ޝަރުތު ހަމާ ފަރާތްތަކުގެ ޖުމުލަ  15،000އަށް ވުރެ ގިނަ ލިސްޓުން ދައްކައެވެ.

ފްލެޓް ލިސްޓާގުޅޭ ގޮތުން ދައުލަތުގެ ޓީވީގައި ވާހަކަދައްކަވަމުން ޕްލޭނިންގެ މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ މުޙައްމަދު އާރިފް ވިދާޅުވީ، މިހާރު ގެޒެޓްކޮށްފައިވާ ލިސްޓަކީ ފޯމާއެކު ހުށަހެޅި މަޢުލޫމާތަށް ބަލައިގެން ނެރެފައިވާ ލިސްޓެއްކަމަށެވެ. އެހެންކަމުން އެ ފަރާތްތަކުގެ އަސްލު ހާލަތު ވަޒަންކުރާން މިނިސްޓްރީން އަންނަ ހަފްތާގެ ތެރޭގައި މަސައްކަތް ފަށާނޭ ކަމަށެވެ.

މިނިސްޓްރީން ވަނީ، ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް 15 ދުވަހުގެ މުއްދަތެއްވެސް ދީފައެވެ.

އާރިފް ފާހަގަކުރެއްވި ގޮތުގައި މައުލޫމާތު ސާފުކުރުމުގައި އެންމެ އުނދަގޫވާ އެއްކަމަކީ، މާލޭގައި 15 އަހަރު ދިރިއުޅުނު މީހެއްތޯ ޗެކްކުރުމެވެ. ނަމަވެސް، ޝަކުވާތައް ހުށަހެޅުމަށް ދީފައިވާ 15 ދުވަހުގެ މުއްދަތުގައި އެގޮތަށް ހުށަހަޅާ ސައްހަ މައުލޫމާތަށް ބަލައި ލިސްޓު އަލުން ރިވިއުކުރާނެ ކަމަށް އާރިފް ވިދާޅުވިއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން 15،000 ހާ މީހުން ފްލެޓަށް ޝަރުތު ހަމަވާއިރު، ސަރުކާރުން އަދި މިހާތަނަށް މަސައްކަތް އިއުލާނުކޮށްފައި ވަނީ އެންމެ 4000 ފްލެޓެވެ. އޭގެ ތެރޭން އަމަލީ މަސައްކަތް ފެށިފައި ވަނީ، 2000 ފްލެޓެވެ.