މާލެ ސަރަހައްދަށް މިއަދު ވަރަށް ބޮޑަށް އުދައިގެ އަސަރުކޮށް، މާލެއާ-ހުޅުމާލެއާ ދެމެދުގައި އޮންނަ ހައިވޭއަށް އެރި ބިޔަ ރާޅެއްގައި ހައިވޭ މަތިން ދަތުރުކޮށްފައި ދިޔަ ބައެއް މީހުންނާއި ވެހިކަލްތަކަށްވެސް އެކިވަރުގެ ގެއްލުންތައް ވެއްޖެއެވެ.

މިއަދު މެންދުރު ފަހު، މާލޭގެ އިރުމަތީ ފަރާތުން، ޚާއްސަކޮށް ރާޅުގަނޑު ސަރަހައްދަށް ވަރަށް ބޮޑަށް އުދައަރައި ބޮޑުތަކުރުފާނު މަގާއި އަދި އާޓިފިޝަލް ބީޗް ސަރަހައްދުވެސް ވަނީ ފެންބޮޑުވެފައެވެ. އަދި އެ ސަރަހައްދުގައި ހިނގާބިނގާވެ އުޅުމަށާއި އެއްގަމު ދަތުރުފަތުރަށްވެސް ވަނީ ހުރަސް އެޅިފައެވެ.

މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ވަނީ، މިރެއާ މާދަމާވެސް އުދައިގެ އަސަރު ކުރާނޭކަމަށް ބުނެފައެވެ. އެކަމާ ގުޅިގެން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓުން ވަނީ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ގޮވާލައި އިލްތިމާސްކޮށްފައެވެ.

 

ސިނަމާލެ ބްރިޖާއި ހައިވޭގެ ހުޅުމާލެކޮޅުން ގުޅޭ ސަރަހައްދަށް އެރި ބިޔަ ރާޅާއެކު އެވަގުތު އެ ސަރަހައްދުން ދުއްވާފައި ދިޔަ ސައިކަލްތަކުގައި ތިބި މީހުންތަކާއެކު ސައިކަލްތައް ވެސް އޮޔާއެކު ދަމައިގަތްއިރު، އޭގެ ތެރޭން ބައެއް މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބި، ހޮސްޕިޓަލުން ފަރުވާ ހޯދާފައިވެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ "މާލޭގެ އެކި ސަރަހައްދުތަކަށް އުދަ އަރަމުން ދާތީ ސަމާލުވުމަށް ދަންނަވަން." ކަމަށް ބުނެފައެވެ. އަދި "ހާއްސަކޮށް، މާލެ އާއި ހުޅުމާލެ އާ ދެމެދު، އުދައެރުން ހުއްޓެންދެން، ޒަރޫރީ ދަތުރުތައް މެނުވީ ނުކުރުމަށް ދަންނަވަން" ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން ޒަރޫރީ ދަތުރުތައް ކުރުމަށްވެސް، ހަތަރު ފުރޮޅުލީ އުޅަނދު ބޭނުން ކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.