މާލެ ސިޓީގެ އެންމެ އަގުބޮޑު އެއް މަގު ކަމަށްވާ، އަމީނީ މަގުގައި އާރޑީސީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރަމުން އަންނަ ތާރުއެޅުމުގެ މަސައްކަތުގެ 8 އަދި 9 ވަނަ ސެގްމެންޓްގައި ތާރުއެޅުމަށް ތައްޔާރުވެއްޖެވެ.

ގިނަ އަދަދެއްގެ ސްކޫލް ދަރިވަރުންވެސް ބޭނުންކުރާ އަމީނީ މަގުގެ މިހާރުކުރިއަށް ދާ މަސައްކަތާގުޅޭ ގޮތުން އާރްޑީސީން ބުނެފައިވާ ގޮތުގައި ސްކޫލްތައް ހުޅުވުމުގެ ކުރީން، ސެގްމެންޓް 8ގެ މަސައްކަތް ނިންމާލުމަށް އެކުންފުނިން ދަނީ މަސައްކަތްކުރަމުންނެވެ.

 

އަމީނީ މަގުގައި ތާރުއެޅުމުގެ މަސައްކަތް ކުރަނީ 13 ސެގްމެންޓަކަށް ބަހާލައިގެންނެވެ. އެގޮތުން މިހާރު ވަނީ 7 ސެގްމެންޓްގެ މަސައްކަތް އެއްކޮށްނިމިފައެވެ.

 ހެންވޭރު ކޮޅުން ފެށިގެން މާފަންނު ކޮޅާއިހަމައަށް ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަޙައްދެއްގައި ތާރުއަޅައި ތަރަށްގީކުރާން މި މަޝްރޫޢު އާރުޑީސީއާ ފުރަތަމަ ހަވާލުކުރީ 44 މިލިއަން ރުފިޔާއަށެވެ. ނަމަވެސް ފަހުން ޕްލޭނިންގ މިނިސްޓްރީން ވަނީ މި މަޝްރޫޢުގެ އަގު 84.4 މިލިއަނަށް ބޮޑުކޮށްފައެވެ. ނަމަވެސް ކުރީންވެސް ހަމަ އެ މަގުގައި އަޅާން ނިންމާފައި ވަނީ ތާރެވެ. އެހެން ނަމަވެސް މަޝްރޫޢުގެ އަގު ދެގުނަ ބޮޑުކުރިޔަސް ފަހުން މުޅި މަގު ސަންގުމަރުމަރު ހިލައިން ހަދާން ނިންމާފައެއް ނުވެއެވެ.