ޔަހޫދީ ނޭޝަނަލް ފަންޑް (ޖޭއެންއެފް) ޔޫކޭގެ ޗެރިޓީ ދަރަޖަ އުވާލުމަށް އިނގިރޭސިވިލާތުގެ ލީގަލް އެޑްވޮކޭސީ ގްރޫޕެއް ކަމަށްވާ އިންޓަނޭޝަނަލް ސެންޓާ އޮފް ޖަސްޓިސް ފޯ ފަލަސްތީން (އައިސީޖޭޕީ) އިން އެގައުމުގެ ބަންޑާރަ ނައިބުގެ ކިބައިން އެދިއްޖެއެވެ.

މިކަމަށް ގޮވާލާފައި މިވަނީ އިސްރާއީލުގެ އަސްކަރިއްޔާއަށް ފަންޑުކުރުމާއި، ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އާބާދީތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން ޤަވާއިދާ ޚިލާފަށް ކަމަށް ބެލެވޭ، ޖޭއެންއެފްގެ ތަފާތު ޙަރަކާތްތަކާ ގުޅިގެންނެވެ.

ޖޭއެންއެފް ޔޫކޭއަކީ އިސްރާއީލުގެ ކެރެން ކައިމެތު ލެއިސްރޭލް ޔަހޫދީ ނޭޝަނަލް ފަންޑް (ޖޭއެންއެފް-ކޭކޭއެލް) އާ ގުޅިފައިވާ ފަންޑެއް ކަމަށާއި އެ ފަންޑުން ފަލަސްތީނު ރައްޔިތުންގެ މުދާ ހިފެހެއްޓުމާއި ފަލަސްތީނު ރައްޔިތުން  އެމީހުންގެ ގެދޮރުން ބޭރުކުރުން ފަދަ ކަންމުގައި ހަރަކާތްތެރި ވާކަމަށް އެ ސިޓީގައި ވެއެވެ.

ޗެރިޓީތައް ހިމާޔަތްކުރާ ފަރާތުގެ ދައުރު ފާހަގަކޮށް، އައިސީޖޭޕީން ބަންޑާރަ ނައިބު ރިޗަޑް ހާމަރ ކޭސީއަށް ފޮނުވި ސިޓީގައި ވަނީ،  ޖޭއެންއެފް ޔޫކޭގެ އަމަލުތަކަކީ އާންމު މަސްލަހަތާ ޚިލާފު އަމަލެއް ކަމަށް ބުނެފައެވެ.

ޔޫކޭއިން މިފަދަ ފިޔަވަޅެއް އަޅާން ގޮވާލާފައި މިވަނީ، ކެނެޑާއިން މިފިޔަވަޅު އަޅާފައި ވަނިކޮށެވެ. ޖޭއެންއެފް ކެނެޑާގެ ޗެރިޓީ ސްޓޭޓަސް އުވާލުމަށް ކެނެޑާއިން ދާދި ފަހުން ނިންމާފައި ވަނީ، އެ ޖަމިއްޔާއިން އިޒްރޭލަށް އަސްކަރީ އެހީތެރިކަމާއި، ބައިނަލްއަގްވާމީ ޤާނޫނުތަކާ ޚިލާފަށް އިޒްރޭލުން ހިންގާ ވަޒަންވެރިކަމު ހަރަކާތްތަކާ މެދު އެފަދަ ކަންބޮޑުވުންތަކެއް ހުރުމުގެ ސަބަބުންނެވެ.

1901 ވަނަ އަހަރު އުފެދުނު ޖޭއެންއެފް އަކީ އިސްރާއީލުގެ ބިން ހޯދުމާއި ތަރައްގީ ކުރުމުގައި ހަރަކާތްތެރިވާ ޖަމާއަތެކެވެ. ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ބުނަނީ އެ ޖަމިއްޔާގެ އޮޕަރޭޝަންތައް ފުޅާވެފައި ވަނީ ކަންބޮޑުވާ ދަރަޖައަކަށް ކަމަށާއި އެގޮތުން، ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން ހިޔާލު ތަފާތުވާ، އަސްކަރީ އުމްރާނީ ވަސީލަތްތަކާއި އާބާދީތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ވެސް އެ ޖަމާޢަތުން ހަރަކާތްތެރި ވާކަމަށެވެ.

އިނގިރޭސިވިލާތުގައި އެ ޖަމިއްޔާ އުވާލުމަށް ގޮވާލާފައި މިވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޖޭއެންއެފްގެ ޗެރިޓީ ދަރަޖައާ ދެކޮޅަށް ކުރިއަށް ގެންދާ ފުޅާ ކެމްޕޭނެއްގެ ތެރެއިން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭންނެވެ.

އެޑްވޮކޭސީ ގްރޫޕުން މިހާރު އިންތިޒާރު ކުރަމުން ދަނީ އެޓާނީ ޖެނެރަލްގެ ޖަވާބަކަށެވެ. އެގޮތުން އަޅާ ފިޔަވަޅަކީ ޗެރިޓީތަކަކީ ގާނޫނީ އަދި އަޚްލާގީ މިންގަނޑުތަކަށް ފެތޭކަން ކަށަވަރުކުރުމަށް ފަހު އަޅާފިޔަވަޅެއް ކަމަށް އެ ގްރޫޕުން އުންމީދުކުރެއެވެ.

އައިސީޖޭޕީގެ މި ފިޔަވަޅާއެކު، ސިޔާސީ އަދި އަސްކަރީ ހަރަކާތްތަކާ ގުޅިފައިވާ މިފަދަ ޖަމިއްޔާތަކަށް ޗެރިޓީ ދަރަޖަ ދިނުމުގެ ސަބަބުން ކުރާނެ އަސަރުތަކާ ބެހޭ ގޮތުން ބައިނަލްއަގްވާމީ ގޮތުން ބޮޑެތި ޚިލާފުތައް އުފެދި އެކަމާގުޅޭ ގޮތުން ބަހުސުތައް ކުރަމުންދާ މިންވަރު ހާމަކޮށްދެއެވެ.