ވައިގެ މަގުކުރާ ދަތުރުތަކުގެ ޑިމާންޑު ބޮޑުވެ، ގައުމީ އެއަރލައިން "މޯލްޑިވިއަން"އިން ޅ. މަޑިވަރާއި ނ. މާފަރަށް ކުރާ ދަތުރުތައް އިތުރުކޮށްފިއެވެ.

މީގެ ކުރީން މަޑިވަރަށް ވެސް އަދި މާފަރަށް ވެސް މޯލްޑިވިއަނުން ބާއްވަމުން އައީ ދުވާލަކު އެއް ފްލައިޓެވެ. ނަމަވެސް ޖުލައި 20 ވަނަ ދުވަހުން ފެށިގެން، މި ދެ މަންޒިލަށް ކުރާދަތުރުތައް އިތުރުކޮށް، މާލެއިން ސީދާ މާފަރަށް އަދި މާފަރުން މާލެއަށް މީގެ އިތުރުން މާލެއިން މަޑިވަރަށް، އަދި މަޑިވަރުން މާފަރަށްގޮސް މާލެ އާދެވޭގޮތަށްވެސް ދަތުރުތަކެއް ބާއްވާނޭ ކަމަށް އައިލޭންޑް އޭވިއޭޝަނުން ވަނީ ބުނެފައެވެ.

އެތެރޭގެ އުދުހުންތަކުގެ ޑިމާންޑު ދުވަހެއް ދުވަހަށް ބޮޑުވަމުންދާއިރު، މޯލްޑިވިއަނުން ދަނީ ޚާއްސަ ބަންދު ދުވަސްވަރުތަކާ ދިމާކޮށްވެސް ފްލައިޓްތައް އިތުރުކުރަމުންނެވެ.

ޑިމާންޑު ކިތަންމެ ބޮޑުވެ ކުންފުންޏަށް ލިބޭ އާމްދަނީ ބޮޑުތަނުން އުފުލިގެން ދާއިރުވެސް ދަތުރުތަކަށް ރައްޔިތުން އަތުން ނަގާ ޓިކެޓްގެ އަގު ވޭތުވެ ދިޔަ ފަސް އަހަރުތެރޭގައި ވަނީ ވަރަށް ބޮޑަށް ބޮޑުކޮށްފައެވެ. އަދި މިކަމުގެ ޝަކުވާއާ ތަކްލީފުގެ ވާހަކަ ގިނަ ބަޔަކު ދަނީ ދައްކަމުންނެވެ.