ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން (ކެޕްޓަން އަމީން)އަށް ކޯޓުން ބޭރުގައި މައްސަލައެއް ހައްލުކޮށް 2.3 މިލިއަން ރުފިޔާ ލިބޭގޮތަށް ނިންމާފައި ވަނީ، ރައީސް އިބްރާހީމް މުޙައްމަދުގެ ސަރުކާރުންކަމަށް އޭނާ ވިދާޅުވެއްޖެއެވެ. 

އައިލެންޑް އޭވިއޭޝަންގެ އައިލެންޑް އޭވިއޭޝަންގެ މަޤާމުން އަމީން ވަކިކުރި މައްސަލައިގައި ބަދަލު ހޯއްދެވުމަށް އޭނާ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ ކޯޓުން ވަނީ، އަމީނަށް ބަދަލުގެ ގޮތުގައި 8.3 މިލިއަން ރުފިޔާ ނަގައި ދިނުމަށާއި އަދި ވަޒީފާ އިޔާދަ ކޮށްދިނުމަށް އަމުރުކޮށްފައެވެ. އަދި އައިލެންޑް އޭވިއޭޝަންގެ އެދުމުގެ މަތިން އެ މައްސަލަ ވަނީ ކޯޓުން ބޭރުގައި ހައްލުކޮށްފައެވެ.

ކޯޓުން ބޭރުގައި ހައްލުކޮށް ގިނަ އަދަދެއްގެ ފައިސާ ނެގި ކަމަށް ބުނާ މައްސަލައާ ގުޅިގެން އޮންލައިން ނޫސް ހަތާވީހަށް ކެޕްޓަން އަމީން ވިދާޅުވީ، "ކުރީ ސަރުކާރުން އެއްބަސްވީ ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރަން. ދެން އައިލެންޑް އޭވިއޭޝަންގެ ބޯޑުން ނިންމީ ކޯޓު ހުކުމުގެ 20 ޕަސެންޓު [2.3 މިލިއަން ރުފިޔާ] ދޭން. އެގޮތަށް ހުށަހަޅީމަ އަޅުގަނޑު އެއްބަސްވީ،"  ކަމަށެވެ. 

އޭނާ ވިދާޅުވީ، ކޯޓުން ބޭރުގައި މައްސަލަ ޙައްލުކުރުމުން އައިލެންޑް އޭވިއޭޝަނަށް 80 އިންސައްތަ ފައިދާވި ކަމަށާއި، އަދި "މިކަމަކާއި އަޅުގަނޑަށް ލިބުނު ވަޒީރު ކަމަކާއި އަދި ރައީސް މުއިއްޒަކާއި ވެސް އެއްވެސް ގުޅުމެއް ނެތް" ކަމަށެވެ.  

"ދިން އެއްޗެއް ދީފައި އޮތީ ކުރީ ސަރުކާރުން،" ކެޕްޓަން އަމީން ވިދާޅުވިއެވެ.