ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން 124 މިލިއަން ރުފިޔާއަށް، ބ.އަތޮޅު ތުޅާދޫގައި އިމާރާތްކުރާ 30 އެނދުގެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ތުޅާދޫ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހެލްތު އަޙުމަދު ނަސީމާއި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން އާއި ތުޅާދޫ ކައުންސިލްގެ ރައީސް މުހައްމަދު އާދިލުގެ އިތުރުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ.

 

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރު ވިދާޅުވީ، ސިއްޙީ ޚިދުމަތް ފުޅާކުރުމަށް، ސަރުކާރުން ވަރަށް ބުރަ މަސައްކަތްތަކެއް އެބަކުރާކަމަށެވެ.

"ވަކިން ހާއްސަކޮށް އަތޮޅުތަކުގައި ހުރި އެންމެ ބޮޑެތި ހޮސްޕިޓަލުތަކާއި ސިއްޙީ މަރުކަޒުތަކުން ދެވޭ ޚިދުމަތް ފުޅާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ވަނީ ކުރެވިގެން ގޮސްފައި،" މިނިސްޓަރު ވިދާޅުވިއެވެ.

ތުޅާދޫ ސިއްޙީ މަރުކަޒު ހިންގެވުމާ ހަވާލުވެ ހުންނެވި ސީނިއަރ އެޑްމިނިސްޓްރޭޝަން އަޙުމަދު ރަޝީދު ވިދާޅުވީ މިކަމަކީ ތުޅާދޫ ރައްޔިތުން ކުރަމުން އައި އެންމެ ބޮޑު އުންމީދުކަމަށެވެ.

 

މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، ކަނޑައަޅާފައި އޮތް މުއްދަތަށް ހޮސްޕިޓަލުގެ މަސައްކަތް ނިންމާލުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.

އެކަމޮޑޭޝަން ބްލޮކެއްވެސް ހިމެނޭހެން ތަރައްޤީކުރާ މި ހޮސްޕިޓަލު އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 18 މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.