ހުކުރު ދުވަހު މާލެ ސަރަހައްދަށް ކުރި ވިއްސާރައިގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ، ހުޅުލެއަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މެޓުން ބުނީ، މިހާރު ކުރަމުންދާ ވިއްސާރައިގައި ހުކުރު ދުވަހު ހެނދުނު މެދު ރާއްޖެތެރޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހިފައިވާއިރު، އެ އިދާރާގެ ރެކޯޑްތަކުން ދައްކާގޮތުން އެވަގުތުގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރ ޕޯޓް ގާއިމުކޮށްފައިވާ ހުޅުލެއަށެވެ.

"ހެނދުނު 8:00ން ފެށިގެން 11:00އާ ހަމައަށް ހުޅުލެއަށް 71 މިލިމީޓަރުގެ ވާރޭ ވެހިފައިވޭ،" މެޓުން ބުނެފައިވެއެވެ.

ހުކުރު ދުވަހު ބޯކޮށް ވާރޭވެހި ވެރިރަށް މާލެ ސިޓީގެ ބޮޑުބައެއްގައި ފެންބޮޑުވިއެވެ.

މެޓުން ވަނީ މިއަދުވެސް ރާއްޖޭގެ އެކިހިސާބަށް ކެރީގެއަސަރު ކުރާނެ ކަމަށާއި އަދި ގުގުރުން ވެސް އެކަށީގެންވާ ކަމަށް ބުނެފައެވެ. މީގެ އިތުރުން، ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެ 3-6 އާ ދެމެދުގެ ރާޅު އުފެދޭނޭ ކަމަށާއި، ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް މައުލޫމާތުދެއެވެ.

މޫސުމާބެހޭ އިދާރާއިން ވަނީ، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށާއި ހުރިހާ ފަރާތްތަކުން، މޫސުމަށް ސަމާލުވުމަށް އެދިފައެވެ.