ޒުވާން ލިޔުންތެރިޔާ އަޙްމަދު ސާއިލް ޢަލީގެ ދެވަނަ ފޮތް "ފައިޞަލް ނަސީމް" ބާޒާރަށް ނެރެފިއެވެ.

ސާއިލްގެ މިފަހަރުގެ ފޮތް ޚާއްޞަކޮށްފައި ވަނީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްގެ ޙަޔާތްޕުޅަށެވެ. އަދި މިއީ ރާއްޖޭގެ ނައިބު ރައީސެއްގެ ބައޮގްރަފީ މިގޮތަށް ޝާޢިއުކުރެވިގެން ދިޔަ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލާން ޖެހެއެވެ.

ފައިސަލްގެ އުމުރުފުޅުން 50 އަހަރު ފުރުން ފާހަގަކުރުމަށް ޣިޔާސުއްދީން ސްކޫލްގައި ބޭއްވި ހަފްލާއެއްގައި 317 ޞަފްޙާގެ މި ފޮތް ނެރެދެއްވީ އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރަ ޑރ. ޒާހިރު ޙުސައިންއެވެ.

ފޮތާގުޅޭ ގޮތުން ފޮތުގެ މުޞައްނިފް، އަދި ސަން އޮންލައިންގެ އެސިސްޓެންޓް މެނޭޖިންގ އެޑިޓަރު ސާއިލް ބުނީ، ފައިސަލްގެ ޙަޔާތްޕުޅާ ގުޅޭގޮތުން ވަރަށް ޝައުޤުވެރި، އަދި މިހާތަނަށް ނުދެކެވި ހުރި ގިނަ ވާހަކަތަކެއް އޭނާގެ ފޮތުގައި އެކުލެވޭ ކަމަށެވެ. އަދި ފައިސަލްގެ ހަޔާތްޕުޅުން ގިނަ ޢިބްރަތްތަކެއްވެސް ލިބޭކަމަށެވެ.

"މި ފޮތަކީ ނައިބު ރައީސް ފައިޞަލް ނަސީމްގެ ބަޔޮގްރަފީ. އެމަނިކުފާނުގެ ހަޔާތުން ކާމިޔާބު މީހަކަށް ވުމަށް މަގު ދައްކައިދޭ. މިހާތަނަށް ނުދެކެވި ހުރި ގިނަ ވާހަކަތަކެއް ފޮތުގައި ހިމެނޭނެ،" ފޮތާ ގުޅޭގޮތުން ސާއިލް އޭނާގެ ޓްވިޓަރގައި ލިޔެފައިވެއެވެ.

މިފޮތުގައި ފައިސަލްގެ ވަނަވަރާއި ޢާއިލީ މާއުލޫމާތު ވަރަށް ތަފްޞީލުކޮށް ހިމަނާފައިވާއިރު، ކުޑައިރުގެ ވާހަކަތަކާއި ރަށްފުށު ދިރިއުޅުމުގެ ހަނދާންތަކުގެ އިތުރުން، އެމަނިކުފާނު މަސައްކަތު މާހައުލަށް ނިކުންނެވި ގޮތާއި، އަދި ސިޔާސީ މައިދާނުގެ އެހާރާއި މިހާރުގެ އިތުރުން ކުރިމަގަށް ވެސް އަލި އަޅުވާލާފައިވެއެވެ.

ފައިސަލް ވަނީ އޭނާގެ ހަޔާތްޕުޅާ ގުޅޭގޮތުން، ޚާއްސަކޮށް އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުގައި މިފަދަ ފޮތެއް ލިބިވަޑައިގަތުމުން ސާއިލަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރައްވައިފައެވެ.

ސާއިލްގެ "ފައިސަލް ނަސީމް" ބޭނުންފުޅުވާ ފަރާތްތަކަށް އެ ފޮތަށް އޯޑަރު ކުރެވޭނޭގޮތްވެސް ވަނީ ހަދައިފައެވެ. އަދި ނޮވެލްޓީ ބުކްޝޮޕުން މިހާރު އެފޮތް އެންމެ 300 ރުފިޔާއަށް ގަންނަން ލިބެން ހުންނާނެއެވެ.