ހއ. އަތޮޅުގެ ރަށްތަކަށް ދަތުރުކުރާ ލިއޯ ޓްރޭޑިންގ ނަމަކަށް ކިޔާ ފެރީ، ހއ. ގައްލަންދޫގެ 3 ނޯޓިކަލް މޭލު ބޭރުން އިންޖީނު ހުއްޓިގެން އުޅޭ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއަށް ލިބުމާ ގުޅިގެ އެ ފެރީއަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން ބުނީ އެ މައުލޫމާތު ލިބިފައިވަނީ ބުރާސްފަތި ދުވަހު 15:14 ހާއިރު ކަމަށާއި މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފްގެ ސީ އެމްބިއުލާންސެއް ވަނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ފެރީ އޮތް ސަރަހައްދަށް ދަތުރުކޮށްފައި ކަމަށެވެ.

ފެރީގައި ޖުމްލަ 9 މީހުން ތިބިއިރު، އޭގެތެރެއިން 6 މީހުންނާއި ކުޑަކުއްޖަކު ވަނީ ސީ އެމްބިއުލަންސްއަށް ނަގައި، އެ މީހުން ދަތުރުކުރަމުން ދިޔަ ރަށްތަކަށް ގެންގޮސްދީފައެވެ. މިގޮތުން، ހއ. އިހަވަންދޫއަށް ދަތުރުކުރަމުންދިޔަ މީހުން މިއަދު 16:32 ހާއިރު، އަދި ހއ.ހޯރަފުއްޓަށް ދަތުރުކުރަމުންދިޔަ މީހުން މިއަދު 16:40 ހާއިރު ވަނީ އެ ރަށްތަކަށް ގެންގޮސްދީފައެވެ.

ހަމައެއާއެކު، ދޯނި ސްޓާޓްކުރުމަށް ބޭނުންވާ ތެޔޮ، ދޯންޏަށް ފޯރުކޮށްދީފައި ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.