މާލެސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ ކައުންސިލުން އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވާ "ހިތްފަސޭހަ މަގުމަތި" އަދި "ޗާލު މާލެސިޓީ" އަމާޒަށް ވާސިލްވުމުގެ ގޮތުން، އެ ކައުންސިލުން މާލޭގެ އެކި ސަރަޙައްދު ތަކުގައި ހިތްފަސޭހަ މައިޒާންތައް ތަރައްޤީ ކުރަންފަށައިފިއެވެ.

މި މަސައްކަތުގެ ތެރޭން މަޖީދީމަގާއި ފަނޑިޔާރު މަގާ ގުޅޭ ކަންމަތީގައި މާލެ ސިޓީ ކައުންސިލުން ތަރައްގީކުރި ބުރުގެ މަސައްކަތް މިހާރު ވަނީ ނިންމިފައެވެ. މީގެ އިތުރުންވެސް އެހެން ބައެއް ސަރަޙައްދުތަކުގައި މިފަދަ މައިޒާންތަކެއް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

އެގޮތުން މާލޭގެ ކާރޫބާރޫބޮޑު ސަރަޙައްދު ތަކުގެ ތެރެއިން ފާހަގަކުރެވޭ ހުސް ތަންތަނުގައި ހިތްފަސޭހަ މައިޒާންތަކެއް ކައުންސިލުން ދަނީ ތަރައްޤީ ކުރަމުން ދާއިރު އޭގެ ތެރެއިން ބައެއް މައިޒާންތައް ތަރައްޤީ ކޮށްފައިވަނީ މީހުންނަށް އިށީނދެވޭނެ ގޮތަށެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ، ވޭތުވެދިޔަ 5 ވަރަކަށް އަހަރު ތެރޭ، މާލޭގައި ހިތްފަސޭހަކޮށްލާން ހުރި މައިޒާން ތަކާއި ބިންތައް އަޅާނުލައި ދޫކޮށްލާފައި އޮތުމުގެ ސަބަބުން އެތަންތަން ވީރާނާވެފައި ވާކަމަށާއި، ނަމަވެސް ބަޖެޓްގެ ދަތިކަމާއިއެކުވެސް ކައުންސިލްގެ މިދައުރު ފެށުމާއެކު މިސްކިތްތަކާއި، އާންމުތަންތަނާއި، ޕާކު މައިޒާންތައް އާބާތުރަ ފިލުވާ، އިތުރު ހިތްފަސޭހަ މައިޒާންތަކެއް ތަރައްޤީ ކުރުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދާކަމަށެވެ.