އާބާދީއަށް ބަލާއިރު މަދު މީހުންކޮޅެއް ތިބި ނަމަވެސް، ފެލިދެއަތޮޅު (ވ. އަތޮޅު)އަކީ އިޤްތިޞާދީގޮތުން ބޮޑު ތަޞައްވުރެއްއޮތް، އަދި ފަތުރުވެރިކަމުގެ އެންމެ ބިޔަ އެއް މަޝްރޫޢު ދެން ހިންގާނޭ އަތޮޅުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

މުލަކު އަތޮޅާއި ފެލިދެއަތޮޅަށް ރައީސް އިބްރާހީމް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގެ ތެރޭން، ވ. ކެޔޮދުއަށް ވަޑައިގެން އެމަނިކުފާނު ވިދާޅުވީ، ފެލިދެއަތޮޅަކީ އަބާދީގެގޮތުން ކުޑަ އަތޮޅެއްނަމަވެސް އިޤްތިޞާދީ ބޮޑު ތަޞައްވުރެއް އޮތް އަތޮޅެއް" ކަމަށެވެ.

"ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑުއެއް ޕްރޮޖެކްޓް ދެންހިންގާނީ މިއަތޮޅުގަ. ވައިގެމަގުން ގުޅާލައި މިއަތޮޅަށް ކުރިއެރުމާ ތަރައްޤީ ގެނެސްދޭނަން،" ކެޔޮދޫން ދެއްވި ޔަޤީންކަމަށް ޝުކުރު އަދާކުރައްވަމުން އެމަނިކުފާނު ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް މަޝްރޫޢު ދެން ހިންގާނީ، ފެލިދެއަތޮޅުގައި ކަމަށް ރައީސް ވިދާޅުވެފައިވާއިރު، ރާއްޖޭގައި އޮތް އެންމެ ބޮޑު ފަޅު (ދުނިޔޭގެ 3 ވަނައަށް އެންމެ ބޮޑު ފަޅު) ކަމަށްވާ ވ. ފޮއްތެޔޮ ފަޅު، ކެމްޕޭން ފައިސާ ހޯދާން ނުއަގުގައި ބަޔަކަށް ވިއްކާލާން އުޅޭ ކަމަށް ބުނެ އިދިކޮޅު އެންމެ ބޮޑު ސިޔާސީ ފިކުރު ކަމަށްވާ ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއްވެސް ނެރެފައެވެ. އަދި އެކަން ތަޙުގީގުކޮށްދިނުމަށް އޭސީސީއަށް ވެސް ގޮވާލައިފައެވެ.

ނަމަވެސް ފޮއްތެޔޮ ފަޅާ ގުޅޭގޮތުން ސުވާލުކުރުމުން އެކަމަށް ވަކި ޖަވާބެއް ނުދެއްވައި، ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުޞޫމް ވިދާޅުވެފައި ވަނީ، ނުއަގުގައި އެއްވެސް ތަނެއް ނުވިއްކާނޭ ކަމަށާއި، ކްރޮސް ސަބްސިޑީ އުސޫލުން ތަންތަން ދޫކުރުމުގެ މަޝްވަރާތައް ކުރިއަށް ދާ ކަމަށެވެ.