ދެކުނު އިންޑިއާ ކަނޑުގެ ގައުމުތަކުގެ ރައްކާތެރިކަމާ ގުޅޭގޮތުން، އިންޑިއާ، ދިވެހިރާއްޖެ، މޮރިޝަސް އަދި ސްރީލަންކާ ހިމެނޭ ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ މެމްބަރު ޤައުމުތަކުގެ ޑެޕިއުޓީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ 7 ވަނަ ބައްދަލުވުން ޖުލައި 12 ވީ ބުދަ ދުވަހު ވަރޗުއަލްކޮށް ބާއްވައިފިއެވެ.

ރައީސް އޮފީހުން ބުނީ، މިބައްދަލުވުމުގެ އޮބްޒާވަރުންގެ ގޮތުގައި ބަންގްލަދޭޝް އާއި ސޭޝެލްސްގެ ވަފުދުތައް ވަނީ ބައިވެރިވެފައިވާ ކަމަށެވެ.

މިބައްދަލުވުމުގައި ވަނީ 2022 މާރިޗު 9އިން 10އަށް ބޭއްވި ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ 5 ވަނަ ބައްދަލުވުމާއި 2022 ޖުލައި 7 ގައި ބޭއްވި ޑެޕިއުޓީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ 6 ވަނަ ބައްދަލުވުމުގެ ނިންމުންތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

މީގެ އިތުރުން ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ އެކި ދާއިރާތަކުން ކުރިޔަށްގެންގޮސްފައިވާ ހަރަކާތްތަކާ ގުޅޭގޮތުންނާއި 2023-2024ގައި ކުރިޔަށްގެންދާނެ ހަރަކާތްތަކާއި ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ.

ރައީސް އޮފީހުން ބުނީ، ވަރޗުއަލްކޮށް ބޭއްވި މި ބައްދަލުވުމުގައި މެންބަރު ޤައުމުތަކުން، ޑެޕިއުޓީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ 8 ވަނަ ބައްދަލުވުން އަންނަ 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ބޭއްވުމަށް އެއްބަސްވެފައިވާ ކަމަށެވެ.