މިއަހަރު ރާއްޖޭން ޙައްޖަށްދިޔަ މީހުން ގޮވައިގެން ދަތުރުކުރާ އެންމެ ފަހު ފްލައިޓް ހުކުރު ދުވަހު ރާއްޖެ އަތުވެއްޖެއެވެ.

ރާއްޖޭން މިއަހަރު ޙައްޖުގެ މާތް އަޅުކަން އަދާކުރާން 3 ޖަމާއަތެއްގެ ބެލުމުގެ ދަށުން 1000އަށް ވުރެ ގިނަ މީހުން ދިޔައިރު، އެންމެ ފަހުން ރާއްޖެއައި 200 މީހުންގެ ތެރޭގައި ހިމެނެނީ ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ މީހުންގެ ފްލައިޓެކެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، އެންމެ ފަހުން ރާއްޖެއައި ހައްޖުވެރީންނަށް މަރުޙަބާ ދެންނެވުމަށް، ނައިބު ރައީސް ފައިސަލް ނަސީމް އެއަރޕޯޓަށް ވަޑައިގެން ކަމަށެވެ.

މިއަހަރު ރާއްޖޭން ހައްޖަށް ދިޔަ މީހުން ދަތުރުކޮށްފައިވަނީ ޖުމުލަ 6 ފްލައިޓެއްގައެވެ. ފުރަތަމަ ބުރު ރާއްޖެއައީ ޖުލައި 7 ވަނަ ދުވަހުއެވެ.

ރާއްޖޭން މިއަހަރު ހައްޖަށް ދިޔަ ފަރާތްތަކުގެ ތެރޭން 4 ދިވެއްސަކު ނިޔާވެފައިވެއެވެ.