ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް އަމިއްލަ ބައެއް ކުންފުނިތަކުން ބޮޑު އަގު ނަގާ މައްސަލަ ހައްލުކުރުމުގެ ގޮތުން ހައްޖު ކޯޓާތައް ދައުލަތު ކުންފުނި، މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް އެކަނި ދޫކޮށްލަން ސަރުކާރުން މިއަދު ނިންމައިފިއެވެ.

ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުޙައްމަދު ޝަހީބު ވިދާޅުވީ ހައްޖު ކޯޓާ އެއްކޮށް ހައްޖު ކޯޕަރޭޝަނަށް ބަދަލުކުރުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމީ ހައްޖަށް ދިއުމަށް އެދި ވަރަށް ގިނަ ބަޔަކު ހައްޖު ކޯޕަރޭޝަންގެ ރަޖިސްޓްރީވެފައިވާތީ ޙައްޖުވެރިންގެ އިންތިޒާރު ދިގުލައިގެން ދިޔަ ނުދިނުމުގެ ގޮތުން ކަމަށެވެ.

އަމިއްލަ ގްރޫޕްތަކުން މީހުން ހައްޖަށް ގެންދަން ނަގާ އަގު ބޮޑުވުމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ރާއްޖެއަށް ލިބޭ ހުރިހާ ހައްޖު ކޯޓާއެއް ހައްޖު ކޯޕަރޭޝަނަށް ދިނުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭކަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު މީގެކުރިން ވަނީ ވިދާޅުވެފައެވެ.

އަންނަ އަހަރު ރާއްޖެ 2،000 ހައްޖު ކޯޓާ ހޯދަން ވެސް މަސައްކަތް ކުރައްވާނެ ކަމަށްވެސް ޝަހީމު ވިދާޅުވިއެވެ. މިދިޔަ އަހަރު ރާއްޖެއަށް ލިބުނީ 1،000 ކޯޓާއެވެ.