އެމްޓީސީސީން ފޯރުކޮށްދެމުން އަންނަ "ރާއްޖެ ޓްރާންސްޕޯޓް ލިންކް" (އާރްޓީއެލް) ފެރީގެ ޚިދުމަށް ހުވަދުއަތޮޅު އުތުރުބުރިއާއި އެ އަތޮޅުގެ ދެކުނުބުރިއަށް ރަސްމީކޮށް މިއަދު ފަށައިފިއެވެ.

އެމްޓީސީސީން ބުނީ، އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް މަޝްރޫޢުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ގއ އާއި ގދ އަށް ބުރާސްފަތި ދުވަހުން ފެށިގެން ރަސްމީކޮށް އާރްޓީއެލްގެ ޚިދުމަތް ތަޢާރަފްކުރެވިފައިވާ ކަމަށާއި، ޖުލައި 13 ން 19 އަށް، ދަތުރުތައް ކޮށްދޭނީ މުޅިން ހިލޭ ކަމަށެވެ. މި މުއްދަތުގެ ތެރޭގައި ޖާގަ ހޯދާން ނަންނޯޓުކުރާން ޖެހޭނީ ރަށު ކައުންސިލް މެދުވެރިކޮށެވެ. ހިލޭ ދަތުރުތައް ބާއްވަނީ ކަސްޓަމަރުން ފެރީއަށް އަހުލުވެރި ކުރުވުމަށާއި ދަތުރުތައް ތަޖްރިބާކޮށްލުމަށްކަމަށް އެ ކުންފުނިން ބުނެއެވެ.

 

މީގެ އިތުރުން ޖުލައި 20 ވަނަ ދުވަހުން ފެށިގެން ލާރި ނަގާން ފެށި ކަމުގައި ވީ ނަމަވެސް އެންސްޕާގައި ރަޖިސްޓްރީވެފައިވާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރު ކުރެވޭނޭ ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި އަގުނަގާން ފެށުމާއެކު، ދެން ޖާގަ ހޯދާން ޖެހޭނީ، އާރްޓީއެލް ވެބްސައިޓާއި އާރްޓީއެލް ޓްރެވަލް އެޕް މެދުވެރިކޮށެވެ.

އެމްޓީސީސީން ހުވަދުއަތޮޅުގައި ދޭ ފެރީގެ ޚިދުމަތަށް ބޭނުންކުރާނީ 50 މީހުންގެ ޖާގައިގެ 6 ސްޕީޑް ފެރީއެވެ. އަދި ދުވާލަކު 9 ރޫޓަކުން ފެރީގެ ޚިދުމަތް ލިބޭނޭކަމަށާއި އިތުރު މައުލޫމާތު އެ ކުންފުނީގެ ހޮޓްލައިން 1650 ލިބޭނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.