ކ. މާފުށީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ މަސައްކަތާ ހަވާލުވެފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ން ބުނެފިއެވެ.

ރާއްޖޭގައި ގެސްޓްހައުސް ވިޔަފާރި އެންމެ ފުޅާދާއިރާއެއްގައި ހިންގާ މާފުށީގެ ބަނދަރު އިތުރަށް ތަރައްގީކުރުމަށް 76.48 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކުރީ، މިއަހަރުގެ ޖެނުއަރީ މަހުގެ 23ގައެވެ.

މި މަޝްރޫޢުގެ ދަށުން، 63,711 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އާ ހާބަރ ބޭސިން ފުންކުރުމާއި، 28,836 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 4,414 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 31 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 680 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 700 މީޓަރުގެ ސަރަޙއްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، 374 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލާނެއެވެ.

މީގެ އިތުރުން 160 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި، 19 މީޓަރު ދިގު 3 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، 1,869 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދާނެއެވެ.

ރިޔާސީ އިންތިޚާބު ކުޑަތަންވާއިރު، ސަރުކާރުން ދަނީ ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދެވޭތޯ ވަރަށް ބުރަމަސައްކަތެއް ކުރަމުންނެވެ.