ފައިސާގެ މުއާމަލާތްތައް ރައްކާތެރިކަމާއެކު ވަގުތުން ހަދާލެވޭ، އިންސްޓަންޓް ޕޭމަންޓް ސިސްޓަމް (އައިޕީއެސް)ގެ ޚިދުމަތް ރާއްޖޭގައި އަންނަ މަހު ތަޢާރަފްކުރުމަށް، ތިން ބޭންކަކާއެކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އެއްބަވުމެއްގައި ސޮއިކޮށްފިއެވެ.

އައިޕީއެސްގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ޓެސްޓިންގ މަރުޙަލާގައި އެމްއެމްއޭއާ ބައިވެރިވި ބޭންކުތަކަކީ، ދިވެހި ގައުމީ ބޭންކް (ބީއެމްއެލް)އާއި، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އާއި ސްޓޭޓް ބޭންކް އޮފް އިންޑިއާއެވެ. އަދި ބޭންކުތަކާއެކު ކުރިއަށް ގެންދާ ޓެސްޓިން މަރުހަލާ ކުރިއަށް އޮތް ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކުރިއަށް ގެންދާނޭ ކަމަށް އެމްއެމްއޭއީ ބުނެއެވެ.

ބޭންކުތަކާއެކު ސޮއިކުރި އެއްބަސްވުމަކީ، އައިޕީއެސްގައި ބައިވެރިވުމުގެ ސަބަބުން ލިބިދޭ ހައްގުތަކާއި އުފުލަން ޖެހޭ އިލްތިޒާމްތަކަށް އެއްބަސްވެ، ބައިވެރިވާ ބޭންކުތަކާއި ސިސްޓަމްގެ އޮޕަރޭޓަރު ކަމަށްވާ އެމްއެމްއޭއާ ދެމެދު ސޮއިކުރި އެއްބަސްވުމެކެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ، ޓެސްޓް މަރުހަލާތައް ނިމި، އޯގަސްޓް މަހުގެ ފަހު ހަފްތާގައި ސިސްޓަމް ލައިވް ކުރުމަށް ފަހު އިތުރު ބޭންކުތައްވެސް ސިސްޓަމާ ގުޅުމުގެ ފުރުސަތު ދެވިގެންދާނޭ ކަމަށެވެ.

އެމްއެމްއޭއިން އައިޕީއެސްގެ ޚިދުމަތް ތައާރަފްކުރާން ފުރަތަމަ ހަމަޖެހިފައި އޮތް ތާރީޚަކީ، 2022 ވަނަ އަހަރުގެ ސެޕްޓެމްބަރެވެ.