ނިއުދިއްލީ: އިންޑިއާގެ ސިޔާސީ އިދިކޮޅު ލީޑަރު ރާހުލް ގާނދީގެ މައްޗަށް ސާބިތުކޮށްފައިވާ އަބުރުގެ ދައުވާ ތަންފީޒުކުރުން ހުއްޓުވުމަށް އެގައުމުގެ ހައިކޯޓެއްގައި އިސްތިއުނާފުކުރުމުން އެ މައްސަލަ ކޯޓުން ބޭރުކޮށްލައިފިއެވެ.

ކޮންގްރެސް ޕާޓީއަށް ނިސްބަތްވާ ރާހުލް ގާނދީގެ މައްޗަށް އަބުރުގެ ދައުވާއުފުލައި، އޭނާގެ ޕާލަމެންޓް ގޮނޑިވެސް ގެއްލުވާލައިފައި ވަނީ، ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އޭނާގެ ބައެއް ގާތް ފަރާތްތަކަށް ނިސްބަތްކޮށް 2019 ވަނަ އަހަރުގފެ ތެރޭގައި ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެންނެވެ. މައްސަލަ ހައިކޯޓުން ބަލައި ނުގަތުމަކީ، ރާހުލް އެނބުރި ގާނޫނު ހަދާ މަޖިލީހަށް އައުމަށް ކުރައްވާ މަސައްކަތަށާއި އިންޑިއާގައި ކުރިއަށް އޮތް އާންމު އިންތިޚާބުގައި ވާދަކުރާން ހުރަސްއެޅިގެން ދާނޭ ކަމެކެވެ.

އަބުރުގެ މައްސަލަގައި އުމުރުން 52 އަހަރުގެ ރާހުލް ގާނދީއަށް ވަނީ ދެއަހަރުގެ ޖަލުހުކުމަކާއި، އަދި ގާނޫނު ހަދާ މަޖިލީހަށް ކުރިމަތި ނުލެވޭގޮތް ހަދައިފައެވެ. ނަމަވެސް، ކަފާލާތުގެ ދަށުން ރާހުލް ވަނީ ޖަލު ހުކުމުން މިނިވަންވެފައެވެ.

ރާހުލްގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލި ނަމަވެސް، އަދި އެކޯޓުގެ ބޮޑު ބެންޗެއް ހިމެނޭ ގޮތަށް، މައްސަލަ ހުށަހެޅޭނެއެވެ. އަދި އެއަށްފަހު ޖެހޭނީ އެ މައްސަލަ އިންޑިއާގެ ސުޕްރީމްކޯޓަށް ހުށަހަޅާށެވެ.