ރިޔާދު: ސައުދީ އަރަބިއްޔާއިން ޗައިނާއާއެކު ޑިޖިޓަލް ޓެކްނޯލޮޖީ ހަރުދަނާކުރުމުގެ ގޮތުން އެ ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރާން މަޝްވަރާކޮށްފިއެވެ.

ސައުދީ ޕްރެސް އޭޖެންސީން ރިޕޯޓުކުރާ ގޮތުން، މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ، އެގައުމުގެ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން ޓެކްނޯލޮޖީ ޢަބްދުﷲ އަލް ސުވާހާއާ ޗައިނާގެ މިނިސްޓަރ އޮފް އިންޑަސްޓްރީޒް އެންޑް އިންފޮމޭޝަން ޓެކްނޯލޮޖީ ޖިން ޒުއަންލޯންއާ ދެބޭފުޅުން ބުރާސްފަތި ދުވަހު ރިޔާދުގައި ބޭއްވި ބައްދަލުކުރެއްވުމުގެ ތެރޭންނެވެ.

މި ބައްދަލުވުމުގައި ދެގައުމު ގުޅިގެން ސައުދީއާއި އަދި އެ ސަރަހައްދުގެ ޑިޖިޓަލް އިކޮނޮމީ އިތުރަށް ވަރުގަދަކުރުމަށް ޗައިނާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް މަޝްވަރާކުރެވުނުކަމަށް ވެއެވެ.

ކުރިން އެމެރިކާއާއެކު ސައުދީން އޮތް ގުޅުން މިފަހަކަށް އައިސް ކޮންމެވެސް ވަރަކަށް ހީނަރުވެ، މިހާރު އެމެރިކާގެ ވާދަވެރި ގައުމުތައްކަމަށްވާ، ޗައިނާއާއި ރަޝާފަދަ ގައުމުތަކާ ސައުދީން ގުޅުން ވަރުގަދަކުރާކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން، ޗައިނާއާއެކު ސައުދީން ގުޅުން ބަދަހިކުރާން ފެށިފަހުން، އެގައުމު ޓެކްނޯލޮޖީއާއި އެހެނިހެން ދާއިރާތަކުންވެސް ވަރަށް ބޮޑު ކުރިއެރުމެއް ހޯދަމުންދާކަން ފާހަގަކުރެއެވެ.

އެމެރިކާއިން އަރަބި/ގަލްފު ގައުމުތަކުގެ ތެރޭން ތެލުގެ މުއްސަނދި ގައުމުތަކަށް އެހީތެރިވުމުގެ ނަމުގައި މިހާތަނަށް ފެނިގެން ގޮސްފައިވަނީ، އެގައުމުތަކުގެ ނާޖާއިޒް ފައިދާ ނަގައި އެގައުމުތައް ސުންނާފަތި ކުރަމުންދާ މަންޒަރެވެ.