ހުސްވި ހަފުތާގައި އީރާނުން މިވަނީ ހިފާފައިވާ ފަލަސްތީނުގެ ސަރަޙައްދުތަކަށް (ސަހްޔޫނީ އިސްތިޢުމާރީން/އިޒްރޭލް އާ ދެކޮޅަށް) ވަރުގަދަ މިސައިލް ހަމަލާއެއް ދީފައެވެ. ތަޖުރިބާކާރުން ބުނަނީ މިއީ އެފަދަ ހާލަތެއްގައި ޗައިނާއިން ހަމަލާއެއް ދޭނަމަ އެގައުމުގެ މިސައިލް ހަމަލާއެއްގެ ކުޑަ މިންވަރެއް ކަމަށެވެ.
"އޮޕަރޭޝަން ޓްރޫ ޕްރޮމިސް 2.0"ގެ ނަމުގައި އީރާނުން ސަހްޔޫނީ ޓެރަރިސްޓު ގުންޑާއިންނާ ދެކޮޅަށް ދިން މި ހަމަލާއަކީ، މިހާތަނަށް ފެނުނު މިފަދަ އެންމެ ބޮޑު މިސައިލު ހަމަލާއެވެ. 180 ވަރަކަށް މިސައިލު ބޭނުންކޮށްގެން އީރާނުން ދިން ބަދަލުހިފުމުގެ މި ހަމަލާގައި، ސަހްޔޫނީ ޓެރަރިސްޓުންގެ ވައިގެ ދިފާއީ ބާރުތައް ފަހަތަށް ޖައްސާލައި ބޮޑެތި ގެއްލުންތަކެއް ދިނެވެ. ނަމަވެސް ތަޖުރިބާކާރުން ދެކޭ ގޮތުގައި ޗައިނާގެ މިސައިލް ފޯސް އަކީ އީރާނުގެ މިފަދަ ބާރަކާ އަޅައިބަލާއިރު މާ ވަރުގަދަ އަދި ކުރިއަރާފައިވާ ބާރެކެވެ.
ޗައިނާގެ ހަތިޔާރުތަކަކީ ބޮޑެތި އަދި ކުރިއަރަމުން އަންނަ މިސައިލް ހަތިޔާރުތަކެކެވެ. އެކަމާ އެންމެ ބޮޑަށް ތުރުތުރުއަޅާނީ ސަހްޔޫނީ އަނިޔާވެރި ދައުލަތުގެ މަދަދުގާރުން ކަމަށްވާ އެމެރިކާއެވެ. އަދި އެގައުމުގެ ބައިވެރިން ތިބީ މިކަމާ ނުހަނު ބޮޑަށް ކަންބޮޑުވެފައެވެ. އަދި ޗައިނާއާ އެކު އުފެދިދާނެ ހަމަނުޖެހުންތަކަކީ ނުރައްކާތެރި ހަމަނުޖެހުންތަކަކަށް ވެދާނެ ކަމުގެ ބިރު، އެމެރިކާއާއި ހުޅަނގުގެ ދައުލަތްތަކުން ކެނޑިނޭޅި ގެންގުޅެއެވެ.
އެމެރިކާއާއި ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ވެސް އީރާނުން މިވަނީ، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ދުނިޔޭގެ އެންމެ ވަރުގަދަ ޑިފެންސް ސިސްޓަމް ބޭނުންކުރާ، ސަހްޔޫނީ ޖައްބާރު ދައުލަތާއި އެމެރިކާވެސް ސިއްސުވާލައިފައެވެ. އެގޮތުން ބަލާއިރު، ދުނިޔޭގެ އެންމެ ވަރުގަދަ އިޤްތިޞާދުއޮތް ޗައިނާގެ މިސައިލްތަކަކީ އީރާނުގެ މިސައިލުތަކަށްވުރެ ޒަމާނީ، އަދި ބޮޑު ސަރަހައްދެއް ކަވަރުކުރެވޭ މިސައިލްތަކެކެވެ. އެހެންކަމުން މިއީ އީރާނުގެ މިސައިލްތަކަށް ވުރެ ބޮޑު ނުރައްކަލެއްކަމަށް، ހުޅަނގާއި އެމެރިކާއިންވެސް ދެކެއެވެ.
ހައިޕަސޮނިކް ހަތިޔާރު އުފެއްދުމުގެ ރޭހުގައި ވެސް ޗައިނާ އޮތީ ރަޝިއާ އާއި އެމެރިކާއަށް ވުރެ ކުރީގައެވެ. އެމެރިކާގެ ސީނިއާ ޑިފެންސް އެނަލިސްޓަކު ބުނެފައި ވަނީ، ޗައިނާއަކީ ދުނިޔޭގެ "ލީޑިން ހައިޕަސޮނިކް އާސެނަލް" އޮތް ގައުމެއް ކަމަށެވެ. އޭގެ ތެރޭގައި ހައިޕަސޮނިކް ގްލައިޑް ވެހިކަލެއް ހިމެނޭ، މެދު ރާސްތާގެ ޑޮންގް ފެންގް-17 ބެލިސްޓިކް މިސައިލް އޭނާ ފާހަގަކުރެއެވެ.
މީގެ އިތުރުން، ޗައިނާގެ ޑީއެފް-21 މިސައިލަކީ އެމެރިކާގެ ކަނޑުގެ ސިފައިންގެ ފްލީޓަށް ނުރައްކާ ކުރުމުގެ ގާބިލުކަން ލިބިފައިވާ އާލާތެކެވެ. އަދި ޗައިނާގެ ރޮކެޓް ފޯސްގައި ޑޮންގް ފެންގް-26 ނަމަކަށް ކިޔާ މެދުރާސްތާގެ ބެލިސްޓިކް މިސައިލްތައް މިހާރުވެސް އެމެރިކާ ކަންބޮޑުވާފަދަ މިންވަރަކަށް އިތުރުކޮށްފައިވާކަމަށް ވެއެވެ.