ދުނިޔޭގައި މިވަގުތު ސިއްހީ ބޮޑު ކާރިސާއެއްގެ ގޮތުގައި ބަލައިގަނެފައިވާ ބައްޔެއް ކަމަށްވާ، މަންކީޕޮކްސް (މަކުނުވިދުރި) ޖެހިފައިވާ މީހަކު އަވައްޓެރި ޕާކިސްތާނުން ފެނިއްޖެއެވެ.

ޕާކިސްތާނުގެ ޚައިބަރު ޕަޚްތުންޚްވާގެ އުމުރުން 34 އަހަރުގެ މި މީހާއަކީ، ސަޢުދީ ޢަރަބިއްޔާއިން ދަތުރުކުރި މީހެއްކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް ބަލިޖެހިފައިވާ މީހާ ޕާކިސްތާނަށް އެތެރިވިފަހުން، އެމީހާ ނުފެނުމުން، ބަލިފެތުރުން ހުއްޓުވާން ދަތިވާނެތީ، ޞިއްޙީ އޮފިޝަލުން ދަނީ، ވައިރަސް ހުރި އިތުރު ބަޔަކު ފެނޭތޯ ބަލަމުންނެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ، މަކުނު ވިދުރިއަކީ ސިއްހީ ކުއްލި ނުރައްކަލެއް ކަމަށް ކަނޑައަޅައިފައެވެ. އަދި ޕާކިސްތާނުން މިހާރު ދަނީ ދަތުރުވެރިން ޗެކްކޮށް، ބަލީގެ ޢަލާމަތްތައް ފެންނަ މީހުންނަށް ފަރުވާދޭނޭ ހާއްސަ ހޮސްޕިޓަލް ހިމެނޭ ސަރަހައްދުތައް ގާއިމް ކުރަމުންނެވެ.

ދެކުނު އޭޝިއާއިން މަކުނު ވިދުރި ފެނިފައި މިވަނީ، އެފްރިކާއިން މިހާރު ފެތުރެމުންދާ، މަކުނު ވިދުރީގެ އާ، ނުރައްކާތެރި ވައްތަރު ދުނިޔެއަށް ފެތުރިދާނޭކަމުގެ އިންޒާރު ޑަބްލިއުއެޗްއޯއިން ދީފައި ވަނިކޮށެވެ.