ޖައްމޫ، އިންޑިއާ، ސެޕްޓެމްބަރ 11: ބުދަ ދުވަހު ޕާކިސްތާނާ އިންޑިއާ ގުޅުވައިދޭ، ޖައްމޫގެ ލައިން އޮފް ކޮންޓްރޯލް ސަރަހައްދުގައި، ޕާކިސްތާނުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެ ކުރިމަތިލުންތަކެއް ހިނގާފައިވާ ކަަމަށް އިންޑިއާއިން ބުނެފިއެވެ.

އިންޑިއާއިން ބުނީ، ޖައްމޫގެ އެލްއޯސީ ކައިރީގައި، ޕާކިސްތާނު ސިފައިން އިންޑިއާގެ ބޯޑަރު ސެކިއުރިޓީ ފޯސް (ބީއެސްއެފް)ގެ އަމާޒުތަކަށް ހަމަލާ ދިނުމުން އޭގެ ބަދަލުގައި އިންޑިއާއިން ވެސް ހަމަލާދީފައިވާ ކަމަށާއި، އަދި އެ ހާދިސާގައި އިންޑިއާ ސިފައިންގެ މީހަކު ޒަޚަމްވެރިފައިވާ ކަމަށެވެ. އަދި ޒަހަމްވި ސިފައިންގެ މީހާ ވަނީ ކައިރި ހޮސްޕިޓަލަކަށް ގެންގޮސްފައި ކަމަށް އިންޑިއާއިން ބުނެއެވެ.

މި ހާދިސާއާ ގުޅިގެން ޕާކިސްތާނުން ވަނީ، އެކަމުގައި އެގައުމުގެ އެއްވެސް ދައުރެއް ނެތްކަމަށާއި، އަދި އިންޑިއާއިން މިކަމުގައި ވާހަކަ އޮޅުވާލައި، ޕާކިސްތާނު ބޮލުގައި އަޅުވަނީ ދޮގު ތުހުމަތުތަކެއް ކަމަށް ބުނެފައެވެ.

އެލްއޯސީއަކީ ޒަމާނުއްސުރެ ހަމަނުޖެހުން ބޮޑު ސަރަހައްދަކަށްވެފައި، ގިނަ ފަހަރަށް ހަނގުރާމަ ހުއްޓާލުމާ ވެސް ހިލާފުވާ ސަރަހައްދެކެވެ.

އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ މި ހާދިސާ ކުށްވެރިކޮށް، މިކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި، ޚާއްސަކޮށް ސަރަޙައްދީ ރޮނގުގެ ސަލާމަތީ ކަންކަން ވަރުގަދަކުރާނޭކަމަށް ބުނެފައެވެ.

މިއީ ފާއިތުވި 10 އަހަރުގެ ތެރޭގައި ބާއްވާ، ކަޝްމީރުގެ ފުރަތަމަ މަޖިލިސް އިންތިޚާބަށް ތައްޔާރުވަމުން އަންނަ ދަނޑިވަޅެކެވެ. އިންތިހާބުގެ ފުރަތަމަ މަރުހަލާ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު ބާއްވާއިރު، ދެވަނަ ފިޔަވަހި ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު އަދި ތިން ވަނަ ފިޔަވަހީގެ ވޯޓުލުން އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު އޮންނާނެއެވެ.