ސަގާފީ ޖިންސުގެ މިންގަނޑުތައް ހަރުދަނާކޮށް، ޠަބީޢިގޮތުން އިންސާނާ އުފެދިފައިވާ ޖިންސުބަދަލުކުރުމުގެ ނާތަހުޒީބު ޢަމަލުތައް ހުއްޓުވުމުގެ މަގްސަދުގައި، ޓްރާންސްޖެންޑާ ނުވަތަ ޖިންސު ބަދަލުކުރާ މީހުން މިޑިއާގައި ތަމްޘީލުކުރުން ހުއްޓުވައި، ޚާއްސަކޮށް ޓީވީއަށް ނުކުތުން މަނާކޮށް "ޓްރާންސްޖެންޑާ ވިޒިބިލިޓީއާ" ދެކޮޅަށް ޗައިނާއިން ހަރުކަށި ފިޔަވަޅުތަކެއް އަޅައިފިއެވެ. 

މި ސިޔާސަތަކީ ޗައިނާގެ ޒުވާނުންނަށް، ބޭރުގެ ނާތަހުޒީބު ނުފޫޒުފޯރުވުންތައް ކަމަށް އެގައުމުގެ ސަރުކާރުން ދެކޭ ކަންކަން ހުއްޓުވުމަށް ޓަކައި، ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދާ ސިޔާސަތުތަކުގެ ތެރޭން ހިމެނޭ ކަމެކެވެ.

މިއީ ޗައިނާގެ މަޝްހޫރު އެލްޖީބީޓީ ސެންޓަރު ބަންދުކުރުމާއި އަދި އަލަށް އަޅަމުން ގެންދާ މި ފިޔަވަޅުތަކުގެ ސަބަބުން، އެލްޖީބީޓީކިއު + ކޮމިއުނިޓީއަށް ބޮޑު ހީނަރުކަމެއް އަންނާނެ ކަމުގެ އިޝާރާތެކެވެ.

މީގެ އިތުރުން ފަހުގެ ރިޕޯޓުތައް ބުނާގޮތުން ޗައިނާ ސަރުކާރުން ދަނީ، ހޯމޯން ރިޕްލޭސްމަންޓް ތެރަޕީ ބޭސްތައް އޮންލައިންކޮށް ވިއްކުން ހަނިކޮށް، ޓްރާންސްޖެންޑަރ ހެލްތްކެއާ ލިބޭނެ ގޮތް އިތުރަށް ހަނިކުރުމަށް ފިޔަވަޅުތަކެއް އަޅަމުންނެވެ.