2024 ވަނަ އަހަރުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ބައިލައްކައަށްވުރެ ގިނަ ފަތުރުވެރީން ރާއްޖެއަށް ޒިޔާރަތްކޮށްފި ކަމަށް، ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެފިއެވެ. 

ޓޫރިޒަމް މިނިސްޓްރީން ޢާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޖެނުއަރީ 9 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރީންގެ ޢަދަދު 50،983 އަރައެވެ. މިއީ ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް، 5600އަށް ވުރެ ގިނަ މީހުންނެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ، 42،000 ފަތުރުވެރީންނެވެ. 

އިންޑިއާގެ ލަކްޝަދީޕްގެ ފަތުރުވެރިކަން ކުރިއަރުވާން އެގައުމުގެ ރައީސް މޯދީ ކުރެއްވި ޕޯސްޓަކަށް، ދިވެހި ސަރުކާރުގެ ބައެއް އޮފިޝަލުން ސޯޝަލްމީޑިއާގައި ފުރައްސާރަކުރުމާ ގުޅިގެން ދެގައުމުގެ ދެމެދުގައި ގުޅުން ހީނަރުވެ، ޚާއްސަކޮށް، މޯދީގެ ސަރުކާރަށް ތާޢީދުކުރާ އިންޑިއާގެ ވިޔަފާރިވެރީންނާއި ޢާންމުން ދިވެހިރާއްޖެ ބޮއިކޮޓްކުރުމަށް ގޮވާލައި ވަރުގަދަ ކެމްޕޭނެއް ފަށާފައިވާ މި ދަނޑިވަޅުގައި، މިދިޔަ އަހަރު އެންމެ ގިނަ ފަތުރުވެރީން ރާއްޖެއަށް ޒިޔާރާތްކުރި އިންޑިއާއިން މިހާތަނަށް ރާއްޖެ އައިސްފައި ވަނީ، 3،791 ފަތުރުވެރީންނެވެ. 

މިއަހަރު މިހާތަނަށް އެންމެ ގިނަ ފަތުރުވެރީން ރާއްޖެއަށް ޒިޔާރާތްކޮށްފައި ވަނީ، ރަޝާއިންނެވެ. ރަޝާއިން 7،601 ފަތުރުވެރީން މިއަހަރު ރާއްޖެ ޒިޔާރަތްކުރި އިރު، ދެން އެންމެ ގިނައިން ޒިޔާރާތްކުރި އިޓަލީން 7،204 ފަތުރުވެރީން ރާއްޖެ ޒިޔާރަތްކޮށްފައި ވެއެވެ. 

މީގެ އިތުރުން،  އިނގިރޭސިވިލާތުން 3،753، ޖަރުމަނުން 3،178، އެމެރިކާ އިން 1،996، ޗައިނާ އިން 1،676 ފްރާންސުން 1،402 ، ކަޒަކިސްތާނުން 1،332 އަދި ސައުދީ އަރަބިއްޔާ އިން 1،182 ފަތުރުވެރީން ރާއްޖެއަށް އައިސްފައިވެއެވެ.