މުޅި ރާއްޖެއަށް މިހާރު ކުރާ ގަދަ ވިއްސާރައިގައި މާލެއާ އެކު، އިތުރު ފަސް ރަށަކަށް ގެއްލުން ލިބިގެން، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށް ރިޕޯޓުކޮށްފިއެވެ.

އެންޑީއެމްއޭއިން ބުނެފައިވަނީ މިހާރު ކުރަމުންދާ ވިއްސާރާގައި ގެއްލުން ލިބުނުކަމުގެ ރިޕޯޓުތައް ފ. ނިލަންދޫ، ކ.ގުރައިދޫ، ލ.ގަން އަދި ފޮނަދޫ އާއި ސ.މަރަދޫއިން ލިބިފައިވާ ކަމަށެވެ.

އެގޮތުން ގުރައިދޫ ގެ 20 ގެއެއްގައި ފެންބޮޑުވެ 3 ގެއަކުން މީހުން އެހެން ތަންތަނަށް ބަދަލުވެފައިވާ ކަމަށް އެންޑީއެމްއޭއިން މައުލޫމާތުދެއެވެ.

އެންޑީއެމްއޭ އިން ބުނެފައިވަނީ ފެން ބޮޑުވުމުގެ ހާދިސާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ސިފައިންނާއި، ފުލުހުން އަދި ކައުންސިލްތައް ގުޅިގެން ކުރަމުންދާ ކަމަށެވެ. މީގެ އިތުރުންވެސް މާލޭގެ ބައެއްގޭގައި ފެންބޮޑުވެފައިވާތީ ވެލި ބަސްތާޖެހުމުގެ މަސައްކަތް ސިޓީ ކައުންސިލްގެ އެހީތެރިކަމާއިއެކު ކުރަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ.

މުޅި ރާއްޖެ ސަރަހައްދަށް މިދުވަސްވަރު މޫސުން ގޯސްވެ ވިއްސާރަ ކުރަމުންދާއިރު މޫސުން ގޯސްވާނެތީ މެޓް އޮފީހުން ވަނީ އެލާޓްވެސް ނެރެފައެވެ.