ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ރާއްޖެއަށް މި އަހަރު 1.8 މިލިއަން ވަނަ ޓޫރިސްޓު ހާއްސަވީ މިއީ މި އަހަރު ރާއްޖެއަށް ގެނައުމަށް ބަޖެޓުގައި އަމާޒު ހިފާފައިވާ އަދަދު ކަމަށް ވާތީ އެވެ.

މިއަދު ހަވީރު އެމިރޭޓްސް އިން ރާއްޖެ އައި ޓޫރިސްޓުންގެ ތެރެއިން 1.8 މިލިއަން ވަނަ ޓޫރިސްޓަކަށްވީ ސްޓެފާން އައީ ދެ ދަރިންނާއި އަނބިމީހާ އެކު ކ. ހިންމަފުށީގެ ގެސްޓްހައުސްއެއްގައި ޗުއްޓީ ހޭދަކޮށްލާށެވެ. މި ހާއްސަ ލަގަބު ލިބުމުން ވަރަށް އުފާވިކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި ކުރިއަށްއޮތް ތަނުގައިވެސް ރާއްޖެ އާދެވޭނެކަމަށް އުންމީދުކުރާ ކަމަށް އޭނާ ބުންޏެވެ.

1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް އެއާޕޯޓްގައި އޮތް ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލާއި، އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ފާތިމަތު ތައުފީޤާއި، އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދާއި އިމިގްރޭޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.