ރާއްޖޭގެ 19 ރަށެއްގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކޮށް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މިއީ ވޯލްޑް ބޭންކުގެ އެހީއާއެކު މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއާއި ކުރިއަށް ގެންދާ އެކްސެލަރޭޓިން ރިނިއުވަބަލް އެނާޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިންބަލް އެނަރޖީ – އެރައިސް މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ. އެ މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައި ވަނީ ވޯލްޑް ބޭންކުގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑާ)ގެ 6.2 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމެންޓް ބޭންކުން ލިބިފައިވާ 20 މިލިއަން ޑޮލަރުގެ ލޯން އެހީގައެވެ.

މިމަޝްރޫއުގެ ދަށުން؛ މިހާރު ގާއިމުކޮށްފައިވާ ޑިސްޓްރިބިއުޝަން ނެޓްވޯރކްގެ ކޭބަލް އަޕްގްރޭޑްކުރުމާއި، ރަށްރަށުން އަލަށް ހިއްކާފައިވާ ސަރަހައްދުތަކާއި މީހުން އަލަށް އާބާދުވާ އެނޫންވެސް ސަރަހައްދުތަކަށް ކަރަންޓު ނެޓްވަރކް ފުޅާކުރުމާއި، ދުވަސްވެފައިވާ ޓްރާންސްފޯމަރތައް ބަދަލުކުރުމާއި ނެޓްވަރކްގެ ޓްރާންސްމިޝަން ކެޕޭސިޓީ އިތުރުކުރުމަށް އާ ސަބްސްޓޭޝަން ގާއިމުކުރުމާއި، ޒަމާނީ ފެންވަރަށް ވިއުގަ ތަރައްޤީކުރުމުގެ ގޮތުން ކޮމިއުނިކޭޝަން ނެޓްވޯކް އެޅުމާއި ނެޓްވޯކަށް އޮޓޮމޭޓެޑް ފީޗަރސްތައް އިންޓެގްރޭޓް ކުރުން ހިމެނެއެވެ.

މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ރަށްތަކަކީ އައްޑޫ ސިޓީ ފޭދޫ، މަރަދޫފޭދޫ، މަރަދޫ، ހިތަދޫ، ހުޅުދޫ، މީދޫ، ފުވައްމުލައް ސިޓީ އަދި ތިނަދޫ ސިޓީ އެވެ. މި ފޭސްގައި ހިމެނޭ ރަށްތަކުގެ ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރުމަށް އެބަސްވުމުގައި ސޮއިކުރީ ނަންޖިންގ ޑާޖީ ސްޓީލް ޓަވަރ މެނުފެކްޗަރިންގ ކޯ ލިމިޓެޑާއިއެކު އެވެ. މި އެއްބަސްވުމުގައި އެކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރ ލީ ގިއަންގ އެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެވީ މިނިސްޓަރު ތޯރިގު އެވެ.

ފޭސް ދޭއްގައި ހިމެނޭ ރަށްތަކަކީ ބ. އޭދަފުށި، ޅ. ހިންނަވަރު، އަދި ކުޅުދުއްފުށި ސިޓީ އެވެ. އަދި ފޭސް ތިނެއްގައި ހިމެނޭ ރަށްތަކަކީ ލ. ފޮނަދޫ، ލ. އިސްދޫ، ލ. ކަލައިދޫ، ލ. ދަނބިދޫ، ލ. މާބައިދޫ، ލ. ކުނަހަންދޫ، ލ. ހިތަދޫ، އަދި ށ. ފުނަދޫ އެވެ.

މި ދެ ފޭސްގައި ހިމެނޭ ރަށްތަކުގެ ގްރިޑް އަޕްގްރޭޑްކުރުމަށް އެއްބަސްވުމުގައި ސޮއިކުރީ ޗައިނާ ނެޝަނަލް ޓެކްނިކަލް އިމްޕޯޓް އެންޑް އެކްސްޕޯޓް ކޯޕަރޭޝަން އާއި ޝީޖަޒްހުއަންގ ކެލިން ކޯ ލިމިޓެޑާއި އެކު ހަދާފައިވާ ޖޮއިންޓް ވެންޗަރއަކުންނެވެ.