ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޔުނައިޓެޑް ޢެރެބް އެމިރޭޓްސްގެ ދުބާއީއަށް ވަޑައިގެންފިއެވެ.

އެމަނިކުފާނުގެ އަރިހުގައި، ކޮޕް28 ގައި ބައިވެރިވެވަޑައިގަންނަވާ ދިވެހިރާއްޖޭގެ މަތީ ފަންތީގެ ވަފްދުވެސް ވަޑައިގެންނެވިއެވެ.

ކޮޕް28 ބައްދަލުވުން ވެގެންދާނީ، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް ރާވާފައިވާ ކަންކަމާ ގުޅޭ މަޢުލޫމާތު ބައިނަލްއަޤްވާމީ މައިދާނުގައި ހިއްސާކުރުމަށް ލިބޭ އަގުހުރި ފުރުޞަތަކަށެވެ. ކޮޕް28 ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހުއެވެ.