ކްރޫޒްލައިނާ ޤަވާއިދަށް މިދިޔަ ސެޕްޓެމްބަރު މަހު ގެނައި އިސްލާހު ބަދަލު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަަމަށް ޓުއަރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ހާމަކުރައްވައިފިއެވެ.

މިދިޔަ ސެޕްޓެމްބަރު މަހު އާންމު ކުރި ގަވާއިދާ ގުޅިގެން ކްރޫޒްލައިނާތަކުގެ ވަކިވަކި ކޮޓަރިތަކުން ޖީއެސްޓީ ނަގަން ފެށުމުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓް (މާޔާ) އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އޭގެ ސަބަބުން ކްރޫލައިނާތަކަށް ރާއްޖެ ނައިސް އެހެން ގައުމުތަކަށް ދާން ފަށާފައިވާ ކަމަށް އެ ޖަމްއިއްޔާއިން ބުނެއެވެ.

މާލެ ސިޓީއަށް ޒިޔާރަތްކުރި ކްރޫޒް ޝިޕެއް--

 

އެކަމާ ގުޅިގެން މިނސިްޓަރު ފައިސަލް ކުރެއްވ އެކްސް ޕޯސްޓެއްގައި ވިދާޅުވީ، "ކުރޫޒު ލައިނާ ތަކާ ގުޅޭގޮތުން ނިމިދިޔަ ސަރުކާރުން ހަދާފައިވާ ގަވާޢިދު އިސްލާޙުކުރުމުގެ މަސައްކަތް މިދަނީކުރަމުން. އިރާދަ ކުރެއްވިއްޔާ ދާދި އަވަހަށް މިހާރު ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ލިބިގެންދާނެކަމުގެ ޔަގީންކަން އަރުވަން" ކަމަށެވެ.

ކްރޫޒް ލައިނާ ޤަވާއިދަށް އިސްލާހު ގެންނަން ސަރުކާރުން ނިންމާފައިވާއިރު، މިމަހު ޢަމަލު ކުރަން ފެށި މި ޤަވާއިދުގެ ދަށުން ކޮންމެ ފަސިންޖަރުން ހޭދަ ކުރާ ކޮޓަރިތަކުން 16 އިންސައްތަ ޖީއެސްޓީ ނެގޭ ގޮތަށް ވަނީ ހަދާފައެވެ. މިއާއެކު ދައްކަން ޖެހޭ ފީ ވަނީ ބޮޑުވެފައެވެ.