މޭޖަރ ޖެނެރަލް ވައިޘް ވަޙީދާއި، މޭޖަރ ޖެނެރަލް ޙާމިދު ޝަފީޤު ޝަރަފުވެރިކަމާއެކު ސިފައިންގެ ޚިދުމަތުން ރިޓަޔަރކުރައްވައިފިއެވެ.

34 އަހަރުގެ އިޚްލާޞްތެރި އަސްކަރީ ޚިދުމަތަށް ފަހު ރިޓަޔަރކުރެއްވި އިރު މޭޖަރ ޖެނެރަލް ވައިޘް ވަޙީދު ހުންނެވީ އެމްއެންޑީއެފް މެރިން ކޯރގެ ކޮމަޑާންޓްކަމާއި، މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރގެ ކޮމާންޑިންގ އޮފިސަރުކަމާއި، ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒް (ސީޑީއެސްއެސް) ގެ ކޮމާންޑިންގ އޮފިސަރުކަމާއި، ސިފައިންގެ ވެލްފެއަރ ކުންފުނި (ސިވެކް) ގެ ޗެއަރމަންގެ މަޤާމުގައެވެ.

އަދި 33 އަހަރުގެ އިޚްލާޞްތެރި އަސްކަރީ ޚިދުމަތަށް ފަހު ރިޓަޔަރކުރެއްވި އިރު މޭޖަރ ޖެނެރަލް ޙާމިދު ޝަފީގު ހުންނެވީ އެމްއެންޑީއެފް ސަރވިސް ކޯރގެ ކޮމަޑާންޓްގެ މަޤާމުގައެވެ. މޭޖަރ ޖެނެރަލް ޙާމިދު ޝަފީގު އެ މަޤާމަށް އައްޔަން ކުރެއްވީ 07 ޖުލައި 2019 ގައެވެ.

މި ދެ ޖެނެރަލުންވެސް ވަނީ، ދިވެހި އަސްކަރިއްޔާގައި އެކި ފަންތީގައި ގިނަގުނަ ޚިދުމަތްތަކެއް ކުރައްވައިފައެވެ.