އެމެރިކާ 100 ޑޮލަރުގެ ވަގު ނޫޓުތަކެއް ދައުރުވަމުންދާތީ، އެކަމަށް ސަމާލުވުމަށް ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އިލްތިމާސްކޮށްފިއެވެ. 

އެމްއެމްއޭއިން ބުނީ، ދައުރުވަމުންދާ ވަގު ނޫޓުތަކަކީ 1996 އާއި 2016 އާ ދެމެދުގެ ތާރީހުގެ ތެރޭގައި ޗާޕުކޮށްފައިވާ، ހުދު ބޯޑަރު ހިމެނޭ ޑޮލަރުގެ ނޫޓުތަކެއް ކަމަށެވެ. އެހެންކަމުން 100 ޑޮލަރުގެ ހުދު ބޯޑަރު ހިމެނޭ ނޫޓު ގަތުމުގައި ސަމާލުވުމަށާއި އެގޮތަށް ބަލައިގަނެވޭ ނޫޓުގެ ސައްހަ ކަމާމެދު ޝައްކުކުރެވޭ އެއްވެސް ނޫޓެއް ފެނިއްޖެ ނަމަ، އެ އޮތޯރިޓީއަށް ގެނެސް އެ ނޫޓެއްގެ ސައްހަކަން ކަށަވަރު ކުރުމަށްވެސް މަރުކަޒީ ބޭންކުން ވަނީ އިލްތިމާސްކޮށްފައެވެ. 

ވަގު ނޫޓުން ފާހަގަ ކުރެވޭނެ ބައެއް ކަންކަން:

  • ސައްޙަ ނޫޓާއި ތަފާތު ކަރުދާހެއްގައި ޕްރިންޓްކޮށްފައި ހުރުން.
  • ފޮޓޯ ހިމެނޭ ވޯޓަރ މާރކުގައި ސައްހަ ނޫޓާ ތަފާތުކޮށް ހުރުން.
  • ނޫޓު އައްޔަށް ދިއްކުރުމުން ނޫޓުގެ ވައަތްފަރާތުން ފެންނަން ހުންނަ "ޔޫއެސްއޭ 100" ލިޔެފައިވާ ސަލާމަތީ ރޮދިފަށް ނޫޓުގެ ދެ ފަރާތުން ފެންނަން ނެތުން.
  • ނޫޓު އަލްޓްރާ ވައިލެޓް އައްޔަށް ދިއްކުރުމުން ނޫޓުގައި ދިއްލިފައި ހުންނަންޖެހޭ ސަލާމަތީ ރޮދިފަށް ނޫޓުގެ ދެ ފަރާތުން ދިއްލިފައި ނެތުން.

ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ ކަޅުބާޒާރު އުފެދި، އެކަން ހައްލު ނުވެ އޮންނަތާ 5 ވަރަކަށް އަހަރު ވެގެންދިޔައިރު، މިކަން ޙައްލުކުރާން ޤާނޫނީ ގޮތުން ކުރެވެން ހުރި ކަންކަން ސަރުކާރުތަކުން ނުކުރާކަން ފާހަގަކުރެވެއެވެ.