އަވައްޓެރި އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި 3 އުޅަނދު އޮޕްރޭޓްކޮށް ބަލަހައްޓާން، އިންޑިއާ ސިފައިންގެ ޖުމުލަ 77 މީހުން ރާއްޖޭގައި ހަރަކާތްތެރިވާކަމަށް އާ ސަރުކާރުން ބުނެފިއެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ޢަދަދު ހާމަ ނުކުރާން ގަދަހެދި، ކުރީގެ ސަރުކާރުންވެސް ވަނީ ރާއްޖޭގައި 75 ވަރަކަށް އިންޑިއާ ސިފައިން އެބަ ތިބިކަމަށް މީގެ ކުރީން ބުނެފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ބޭއްވި ފުރަތަމަ މީޑިއާ ބްރީފިންގައި، ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ، އާ ސަރުކާރަށް މިހާތަނަށް ކަށަވަރުކުރެވިފައިވާ ގޮތުން، އިންޑިއާގެ 77 ސިފައިން ރާއްޖޭގައި އެބަ ޚަރަކާތްތެރިވާ ކަމަށެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބީ:

  • އިންޑިއާއިން ރާއްޖެއަށް ފުރަތަމަ ހަދިޔާކުރި ހެލިކޮޕްޓަރު ބަލަހައްޓާން 24 ސިފައިން
  • އިންޑިއާއިން ހަދިޔާކުރި ޑޯނިއަރ މަތިންދާބޯޓު ބަލަހައްޓާން 25 ސިފައިން
  • އިންޑިއާއިން ރާއްޖެއަށް ދެވަނައަށް ހަދިޔާކުރި ހެލިކޮޕްޓަރު ބަލަހައްޓާން 26 ސިފައިން
  • ހަދިޔާކުރި އުޅަނދުތަކުގެ މަރާމާތަށް 2 ސިފައިން

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ވަނީ، ގައުމީ ސަލާމަތަށް ނުރައްކާވެދާނެތީ، ރާއްޖޭގައި ޚަރަކާތްތެރިވާ އިންޑިއާ ސިފައިންގެ ޢަދަދު ހާމަކުރަން ދެކޮޅު ހަދައިފައެވެ.

ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ގޮތަށް، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. އެގޮތުން، މިހާރު ދިވެހި ސަރުކާރުން ވަނީ، އިންޑިއާ ސިފައިން ރާއްޖޭން ބޭލުމަށް ރަސްމީކޮށް އެދިފައެވެ.