ކުރީގެ ރައީސް އިބްރާހީމްގެ ވެރިކަމުގައި ޗީފް އޮފް ޑިފެންސްގެ މަގާމަށް އައްޔަނުކޮށް ދާދި ފަހުން، ލެފްޓިނެންޓް ޖެނެރަލްގެ މަގާމަށް ޕްރޮމޯޓްކޮށްދެއްވި އަބްދުﷲ ޝަމާލް، ސިފައިންގެ ވަޒީފާއިން ޝަރަފުވެރިކަމާ އެކު ރިޓަޔާ ކުރައްވައިފިއެވެ.

ސިފައިންގެ ދެވަނައަށް އެންމެ އިސް ރޭންކް ކަމަށްވާ "ލެފްޓިނެންޓް ޖެނެރަލް"ގެ ރޭންކް ސިފައިންގެ ތާރީހުގައި ވެސް ލިބިވަޑައިގެންނެވި ދެވަނަ ބޭފުޅާގެ ޝަރަފާއެކު ޝަމާލް ރިޓަޔަރކުރެއްވީ، 35 އަހަރު ދިވެހި އަސްކަރިއްޔާގައި ޚިދުމަތްކުރެއްވުމަށް ފަހުއެވެ.

ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޗީފް އޮފް ޑިފެންސްގެ މަގާމަށް، ހަމަޖައްސާފައި ވަނީ، ކުރީން ވައިސް ޗީފަކަށް ހުންނެވި މޭޖާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފެވެ.

ޗީފް އޮފް ޑިފެންސް ފޯސްއަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ މަގާމެކެވެ. އެ މަގާމުގެ ޒިންމާއަކީ، ދިވެހި އަސްކަރިއްޔާ ދުވަހުން ދުވަހަށް ހިންގުމުގެ އެންމެ އިސްފަރާތުގެ ގޮތުގައި ނަގާންޖެހޭ ޒިންމާއެވެ.