ހަނގާ ކުރުމަކީ ދިވެހި މުޖުތަމައު ތެރޭގައި މިހާރަކަށް އައިސް ވަރަށް އާންމު ކަމެކެވެ. ބައެއް ކުދީންނަށް ސްކޫލު ތެރޭންވެސް މި ކަން ދިމާވެއެވެ. މި ކަންތައްތައް މަދު ކުރުމަށްޓަކައި އަދި ހުއްޓުވުމަށްޓަކައި ރާއްޖޭގައިވެސް ތަފާތު މަސައްކަތްތައް ކުރެއެވެ. އެގޮތުން ކުރެވޭ މަސައްކަތް މައިގަނޑު ގޮތެއްގައި ހުންނަނީ ހަނގާ ކުރެވޭ ކުއްޖާއަށް އަމާޒު ކޮށެވެ.

ކުއްޖަކު ހަނގާ ކުރާ ނަމަ މިވެނި ގޮތަކަށް ކަންތައް ކުރަން ހަނގާ ކުރެވޭ ކުއްޖާއަށް ނަސޭހަތްދޭއިރު، ހަނގާ ކުރާ ކުއްޖާ ހުއްޓުވުމަށްޓަކައި މާ ގިނަ ކަމެއް ކުރެވޭ ތަނެއް ނުފެނެއެވެ. ގިނަ ފަހަރަށް ހަނގާ ކުރާ ކުއްޖާގެ ބެލެނިވެރިން، އެ މީހުންގެ ދަރިފުޅުގެ މި ފަދަ އަމަލުތަކާ ދޭތެރޭ ވިސްނާވެސް ނުލައެވެ.

އެހެންނަމަވެސް ހަނގާ ކުރާ ކުއްޖާ އެކުރަނީ ރަނގަޅު ކަމެއް ނޫންކަން އެކުއްޖާއަށް ވިސްނައިދިނުމަކީ މުހިންމު ކަމެކެވެ. އަދި އެ ފަދަ އަމަލަކީ އެ ކުއްޖާގެ ފަރާތުން ފެންނަން ބޭނުން ނުވާ އަމަލެއްކަން، ރުޅިނައިސް އެކުއްޖާއަށް އަންގަންޖެހެއެވެ.

ގިނަ ފަހަރަށް ހަނގާ ކުރާ ކުއްޖާވެސް އެކަން އެ ކުރަނީ އޭގެ ގެއްލުންތައް ރަނގަޅަށް އެނގިގެނެއް ނޫނެވެ. އެހެން ކުދިންގެ ސަމާލުކަން ހޯދުމަށާއި ކޫލް ވާންވެގެން އެހެން އުޅެނީއެވެ. އެހެންކަމުން ހަނގާކުރުމަކީ ކޮބާކަމާއި، އެކަން އެ ކުއްޖާ ކުރަނީ ކޮން ބޭނުމެއްގައިކަން ފަރުވާތެރި ކަމާއިއެކު އޮޅުން ފިލުވަންޖެހެއެވެ. އެއަށްފަހު ހަނގާކުރުމުގެ ސަބަބުން ވަނީ ކިހާ ބޮޑު ގެއްލުމެއްކަން އެކުއްޖާއަށް ވިސްނައި ދެވިދާނެއެވެ.

މިގޮތުން "ދަރިފުޅާއި މެދު އެކަހަލަ ކަންތައްތަކެއް އެހެން ކުއްޖެއްގެ ފާރާތުން ވާން ބޭނުވާނެތަ؟" ފަދަ ސުވާލުތައް އެހިދާނެއެވެ.

އަދި ހަނގާ ކުރުމުގެ ސަބަބުން އެހެން ކުދިންގެ ސަމާލުކަން ލިބުމާއި ކޫލް ކުއްޖަކަށް ވުމުގެ ބަދަލުގައި އެކުއްޖާ ވެގެންދާނީ އެހެން ކުދިންގެ ނަފުރަތާއި ހިތްހަމަ ނުޖެހުންތައް އަމާޒުވާނެ ކުއްޖެއްކަން ވިސްނައިދޭށެވެ.