އުރީދޫ މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ރާއްޖޭގައި ބާއްވާ ފުރަތަމަ ޑްރޯން ރޭހާއެކު، މިއަހަރު ބާއްވާ އުރީދޫ "ފަން ރަން"ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. 

އުރީދޫން ބުނީ، މިއަހަރުގެ ފަން ރަން ބޭއްވުމަށް ހަމަޖެހިފައި ވަނީ، އަންނަ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު، ހުޅުމާލޭގައި ކަމަށާއި މި ޙަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެމްބަރު މަހުގެ 30ގެ ނިޔަލަށް ހުޅުވާލާފައިވާ ކަަމަށެވެ. 

މީގެ އިތުރުން، އުރީދޫ ފަން ރަންގެ ޕްރިމިއަމް ޕާޓްނަރު ސްޓެބިސިސް މޯލްޑިވްސްއާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ އުރީދޫ ޑްރޯން ރޭހުގައި ޑްރޯން އަށް ޝައުގުވެރިވާ ފަރާތްތަކަށް ެކަމުގެ ފުރުސަތުވެސް ހުޅުވާލެވިފައިވާ ކަމަށާއި، މި ރޭހުން އެއްވަނައަށް ދާ ފަރާތަށް ޚާއްސަ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް އުރީދޫން ބުނެއެވެ. އަދި ޑްރޯން ރޭހާ ގުޅޭ އިތުރު މައުލޫމާތާއި ރަޖިސްޓްރީވުމުގެ ތަފްސީލް އުރީދޫ މޯލްޑިވްސްގެ އޮފިޝަލް ސޯޝަލް މީޑިއާ ޕޭޖްތަކުން ވަރަށް އަވަހަށް އިއުލާނު ކުރާނެކަމަށް އުރީދޫން ވަނީ ބުނެފައެވެ. 

އުރީދޫން ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި އެކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ، "އުރީދޫ ފަން ރަންގެ 2023 އަށް ތައްޔާރުވަމުންދާއިރު، ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވޭ ޑްރޯން ރޭސް - އުރީދޫ ޑްރޯން ރޭސް ތައާރަފްކޮށް، ފަން ރަންގެ ހަރަކާތްތަކުގެ އުފާވެރިކަން އިތުރު ހަރުފަތަކަށް ގެންދިއުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް" ކަމަށެވެ.

އުރީދޫ ފަން ރަންއަށް ރަޖިސްޓްރީވުމަށް ހުޅުވާލާފައިވާއިރު، 6 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، 5 ކިލޯ މީޓަރުގެ ފަން ރަންގައި ބައިވެރި ވެވޭނެއެވެ. އުރީދޫ ފަން ރަން ކިޓްތައް ލިބެން ހުންނާނީ 2 ކެޓަގަރީއަކަށެވެ. އެއީ ސްޓޭންޑަޑް ކިޓްސް އަދި ފަން ކިޓްސް ކެޓަގަރީއެވެ. ސްޓޭންޑަޑް ކިޓްގައި ފަން ރަން ޓީޝާޓް އަދި ރިސްޓްބޭންޑް ހިމެނޭ އިރު އަގަކީ 100 ރުފިޔާއެވެ. 200 ރުފިޔާއަށް ލިބޭ ފަން ކިޓްގައި އުރީދޫ ފަން ރަން ޓީޝާޓްގެ އިތުރުން ރިސްޓްބޭންޑަކާއި، ފޮތި ދަބަސް އައިނު ހިމެނެއެވެ.