މިއަދު ފާހަގަކުރަމުންދާ ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ ޙަރަކާތްތައް ފެށުމުގެ ގޮތުން، ދިވެހި އަސްކަރިއްޔާއިން ބޮޑު ޖަމާޢަތުގައި ފަތިސްނަމާދުކޮށްފިއެވެ. 

ދިވެހި ސިފައިންގެ ފައުޖުތައް އެއް ޖަމާޢަތެއްގައި ބައިވެރިވެ، ހުކުރު ދުވަހު މަސްޖިދުލް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމްގައި ކުރެވުނު ފަތިސް ނަމާދަށް ފަހު ނަޞްރުގެ ދުވަހާ ގުޅޭ ޚާއްޞަ ދުޢާއެއް ކުރުން އޮތެވެ. 

 ނަޞްރުގެ ދުވަހާއި ގުޅިގެން އިސްލާމީ މަރުކަޒުގައި ފަތިސް ނަމާދު ކުރި ޖަމާޢަތުގައި ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ޖެނެރަލް އޮފިސަރުންނާއި، އޮފިސަރުންގެ އިތުރުން ގިނަ އަދަދެއްގެ ސިފައިންނާއި އާންމުންވަނީ ބައިވެރިވެފައެވެ.

މާލޭގެ އިތުރުން، ސިފައިންގެ ހުރިހާ އޭރިއާ ކޮމާންޑުތަކެއްގައިވެސް ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެއް ޖަމާޢަތެއްގައި ފަތިސް ނަމާދުކޮށްފައިވާކަމަށް އަސްކަރިއްޔާއިން މައުލޫމާތުދެއެވެ. 

މިއަދަކީ ދިވެހި ހިތްވަރުގަދަ ސިފައިންނާއި، ޤައުމަށް ހެޔޮއެދޭ ވަފާތެރި ރައްޔިތުން ނުކުމެ ބާޣީންގެ ހަތިޔާރުއެޅި ލަޝްކަރާ ކުރިމަތިލައި، ވަރުގަދަ ޖިހާދެއްކޮށް، ފުރިހަމަ ނަޞްރެއް ހޯދިތާ 35 އަހަރު ފުރޭ ދުވަހެވެ. 1988 ވަނަ އަހަރު ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލާއަކީ ދިވެހީންގެ މަދުބަޔަކު ރާއްޖޭގެ ވެރިކަމުގެ ދަހިވެތިކަމުގައި ބިދޭސީ ކުލީ ސިފައިންގެ ބަޔަކު ގެނެސްގެން ހިންގި ވަރަށް އަނިޔާވެރި ޢުދުވާނެކެވެ. އެ ބިރުވެރި ހާދިސާގައި، ކުށެއްނެތް 19 ދިވެހީންގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލާފައިވެއެވެ. ޝަހީދުންގެ ތެރޭގައި ޢާންމުންގެ 11 މީހަކާއި، ދިވެހި ހިތްވަރުގަދަ ސިފައިންގެ 8 ބޭކަލުން ހިމެނެއެވެ.