ޕީޖީ އޮފީހުން އަމުރުކޮށްގެން، މިދިޔަ އާދީއްތަ ދުވަހު ދިވެހިރާއްޖޭގެ ފުލުހުން ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ (އެފްއޭއެމް)އަށް ވަދެ ބަލަމުންދާ މައްސަލައާ ގުޅޭ ގޮތުން ޖަވާބެއް ދޭނީ ފުލުހުންގެ މަސައްކަތް ނިމުމުން ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް ޢަދީލް ޖަލީލު ވިދާޅުވެއްޖެއެވެ. 

އާދީއްތަ ދުވަހު ހެނދުނު މާފަންނު ސްޓޭޑިއަމްކައިރީގައި ހުންނަ އެފްއޭއެމްގެ އިދާރާއަށް ފުލުހުން ވަދެފައި ވަނީ ކޯޓުއަމުރެއްގެ ދަށުންނެވެ. 

"ޕީޖީ އޮފީހުން އަންގައިގެން، ފުލުހުން ހިންގަމުންދާ އެފްއޭއެމްގެ މާލީ މުޢާމަލާތްތަކާ ގުޅޭ ޖިނާޢީ ތަހުގީގަކަށް ބޭނުންވާ ހެކި ހޯދުމަށް،" ކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

ޕީޖީ އޮފީހުން ބުނެފައި ވަނީ، ރާއްޖެއަކީ ބޭރު ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކާ ގާތް ގުޅުމެއް ބާއްވާ ގައުމަކަށްވެފައި، އެ އިދާރާތަކުގެ އިތުބާރާއި ޔަގީންކަން ދައުލަތުގެ މުއައްސަސާތަކަށް ލިބިފައި އޮތުމާއި، އެ ކަންކަން އެމަގަށް ހިނގުމަށް ދައުލަތުގެ އިދާރާތަކުގެ ނަޒާހާތްތެރިކަމާއި އިންސާފުވެރިކަން އަބަދުމެ ކަށަވަރުވެފައި އޮތުމަކީ މުޅި ދިވެހި ދައުލަތުގެ ގައުމީ މަސްލަހަތާ ސީދާގޮތުން ގުޅުން ހުރި ކަމެއް ކަމަށެވެ.

އެފްއޭއެމްގެ މައްސަލަ ތަހުގީގުކުރަން ޕީޖީން ފުލުހުންނަށް އަމުރުކުރީ އެކި ފަރާތްތަކުން އެފްއޭއެމަށް ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ޚިޔާނާތްތެރިވެ، ކުށުގެ އަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ކަމަށް ޕީޖީންވަނީ ބުނެފައެވެ.

މިކަމާގުޅޭ ގޮތުން، އެފްއޭއެމްގެ މީޑިއާ ގްރޫޕްގައި ބައްސާމަށް ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި އޭނޭ ވިދާޅުވީ، ފުލުހުން ކުރިއަށް ގެންދާ ތަހުގީގު ނިމުމުން އޭނާ އެކަމާ ގުޅޭގޮތުން އެއްޗެއް ވިދާޅުވާނޭ ކަމަށެވެ. 

ވޭތުވެދިޔަ 5 އަހަރު ތެރޭގައި އެފްއޭއެމާއި ދިވެހި ސަރުކާރާ ގުޅުން ހީނަރުވެ، ރާއްޖޭގެ ފުޓްބޯޅައަށް ވަނީ ފޫނުބެއްދޭވަރުގެ ހީނަރުކަމެއް އައިސްފައެވެ. އަދި ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާގެތެރޭގައި މައްސަލަތައް ބޮޑުވެ،  ބޮޑެތި ދަރަނިތަކެއް އެ އިދާރާގެ ކޮނޑުގައި އެޅި ބަނގުރޫޓުވުމާ ގާތްވެފައިވާއިރު، ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކުން ދަނީ، އެފްއޭއެމް ސަލާމަތްކުރުމަށް އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލު އިސްތިއުފާ ދެއްވައި، ވަގުތުން އިންތިޚާބެއް ބޭއްވުމަށްވެސް ގޮވައިލަމުންނެވެ. އަދި ބައްސާމާއި، އެފްއޭއެމްގެ އިދާރީ އިސްފަރާތްތަކުގެ މައްޗަށް ދަނީ ބޮޑެތި ތުހުމަތުތަކެއްވެސް ކުރަމުންނެވެ. 

އެފްއޭއެމްގެ އިދާރީ ހިންގުމުގައި މިހާރު ހިނގަމުންދާ ކޯޅުންގަނޑުގެ ތެރޭގައި އެ އިދާރާގެ އިސް ދެފަރާތެއް ދާދިފަހުން ވަނީ އިސްތިއުފާވެސް ދީފައެވެ. އެއީ، އެއީ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ސީއީއޯ ހުސައިން ޝާފިއު (ކޮކީ)އާއި ހިންގާ ކޮމިޓީގެ މެންބަރު، އަދި ކުލަބު ގްރީން ސްޓްރީޓްސްގެ ރައީސް މުއާވިޔަތު ޚަލީލެވެ.