އެންމެ ފަހުގެ ބެލެންޑިއޯ އެވޯޑް ހޯދައި ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ޝަރަފު ހޯދި ފްރާންސްގެ ތަރި ކަރިމް ބެންޒީމާއަށް، ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ކުޅުމުގެ ފުރުސަތު ގެއްލުނީ، މުބާރާތް ފެށެން ކުޑަތަންވެފައި ވަނިކޮށެވެ. ގަތަރަށް ގޮސް އެންމެ ފަހުގެ ފަރިތަކުރުންތަކުގައި އުޅެނިކޮށް، ފަލަމަސްގަނޑަށް ލިބުނު އަނިޔާއާއެކު އޭނާއަށް ޑޮކްޓަރުން އެންގީ 3 ހަފްތާއަށް ކުޅުމާ ދުރަށް ދާށެވެ. އެހިސާބުން ދެން އޭނާއަށް މިފަހަރުގެ ވޯލްޑް ކަޕް ގެއްލުނީކަމަށް ބެލެވުނީއެވެ.

ޓީމުގެ އެންމެ މޮޅު ފޯވާޑާ ނުލައި، ގިނަ ގޮންޖެހުން ތަކަކާއެކު ވެސް މިފަހަރުގެ ފައިނަލުން ޖާގަހޯދި ދުނިޔޭގެ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް، ޖެހިޖެހިގެން ދެވަނަ ފަހަރަށް މުބާރާތް ކާމިޔާބުކުރާން، ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ އެއްޓީމު ކަމަށްވާ އާޖެންޓީނާއާ ދެކޮޅަށް ނުކުންނަ އިރު، އެޓީމަށް މިވަނީ އުފާވެރިކަމުގެ ޚަބަރެއް ލިބިފައެވެ.

ތައި އިންޖަރީއާއެކު، ބޭސްވަރުވާއަށް ސްޕޭނަށް ދިޔަ ބެންޒީމާ އޭނާގެ ކްލަބް، ރެއާލް މެޑްރިޑްގެ މެޑިކަލް ޓީމާއެކު ކުރަމުން ދިޔަ ބޭސްފަރުވާއަށް ފަހު މިހާރު ވަނީ އެ ކްލަބުގެ ތަމްރީނުތަކުގައި ބައިވެރިވާން ފަށައިފައެވެ. އަދި ރެއާލުން މިހާރު ވަނީ، މެޗެއް ކުޅުމަށް ބޭނުންވާ ފުރިހަމަ ފިޓްނަސް ބެންޒީމާގެ ކިބައިގައި އެބަ ހުރިކަމަށާއި، ވޯލްޑް ކަޕްގެ ފައިނަލްގައި ޓީމާ ގުޅެން އޭނާއަށް މިހާރު އެއްވެސް ހުރަހެއް ނެތްކަމަށް ބުނެފައެވެ.

އަނިޔާއަށް ފަހުވެސް، ފީފާ ވޯލްޑް ކަޕް ފްރާންސް ޓީމުގެ ލިސްޓުން ބެޒީމާގެ ނަން އުންޏެއް ނުކުރެއެވެ. އެހެންކަމުން އޭނާއަށް އެ ޓީމާ ގުޅުމަށް އެއްވެސް ހުރަހެއް ނެތެވެ. ހަމައެކަނި، އިންތިޒާރުކުރާން ޖެހޭނީ ޓީމުގެ ކޯޗް ޑިޑިއޭ ޑިޝޯމްގެ ނިންމުމަށެވެ.

އަރަބި ފަސްގަނޑުގައި ކުޅޭ ފުރަތަމަ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ފްރާންސާއި އާޖެންޓީނާ ބައްދަލުކުރާ މެޗު ކުޅޭން ހަމަޖެހިފައި ވަނީ އަންނަ އާދީއްތަ ދުވަހުއެވެ.