ދުނިޔޭގެ ފުޓްބޯޅައިގައި ފާއިތުވި 20 އަހަރު ދުވަހު ފަނޑުވުމެއް ނެތި ރަސްކަންކުރި ކުޅުންތެރީންނަކީ ކޮބައިހެއްޔޭ އަހައިފި ނަމަ ހަމަ ކޮންމެ މީހެއްގެ ދުލަށްވެސް އެންމެ ފުރަތަމަ އަންނާނީ "މެސީ" ނުވަތަ "ރޮނާލްޑޯ"ގެ ނަމެވެ. ޤައުމީ ޓީމަށާއި އަދި ކްލަބް ފުޓްބޯޅައިގައި ދައްކަމުން ދިޔަ މޮޅު ހުނަރުތަކާއި ރީތި ކުޅުމާއި އަދި ޚާއްސަކޮށް އިންތިހާއަށް ގޯލާ ރައްޓެހި މި ދެކުޅުންތެރީން ވަނީ ދުނިޔޭގެ ފުޓްބޯޅައަށް ލޯބިކުރާ އެންމެންގެ ހިތްތަކުންވެސް ޖާގަހޯދައިފައެވެ. ހުރިހާ ބައްރެއްގައިވެސް މިކުޅުންތެރީންގެ ނަން ވަރަށް މަޝްހޫރެވެ.

ނަމަވެސް، 2003 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ފިރިހެން ބެލޮންޑިއޯ އެވޯޑަށް ނޮމިނޭޓްވި ކުޅުންތެރިންގެ ތެރޭގައި ޕޯޗުގީޒް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އާޖެންޓީނާގެ ތަރި ލިއޮނަލް މެސީއާ ދެކުޅުންތެރީންގެ ތެރޭސްން އެއްވެސް ކުޅުންތެރިއަކު ނުލައި މިވަނީ 30 ކުޅުންތެރީންގެ ނޮމިނޭޝަން ލިސްޓް ޢާންމުކޮށްފައެވެ.

ޢުމުރުން 37 އަހަރުގެ މެސީ މިހާރު ކުޅެމުން އަންނަނީ، އެމެރިކާގެ މޭޖަރ ލީގު ސޮކަރ ކްލަބު އިންޓަރ މިއާމީއަށެވެ. ޢުމުރުން 39 އަހަރުގެ ރޮނާލްޑޯ މިހާރު ކުޅެމުން އަންނަނީ ސަޢުދީ ޕްރޯ ލީގު ކްލަބް އަލް ނަސްރަށެވެ.

މީގެ ކުރީން ފަސް ފަހަރު (ދެވަނައަށް އެންމެ ގިނަ ފަހަރު) އެވޯޑް ހޯދާފައިވާ ޕޯޗުގަލްގެ ސުޕަސްޓާ ރޮނާލްޑޯ މިދިޔަ އަހަރު ވެސް ލިސްޓުގައި ނުހިމެނެއެވެ. ނަމަސް 2023 ވަނަ އަހަރު، ޖުމުލަ 8 ފަހަރަށް މި އެވޯޑް ހާސިލްކޮށް ރެކޯޑް ހަދާފައިވާ، އަދި 16 ފަހަރު މި އެވޯޑަށް ނޮމިނޭޓްވެފައިވާ ލެޖެންޑަރީ ފޯވާޑް މެސީ، މިއަހަރުގެ ކޮޕާ އެމެރިކާ ތަށި އުފުލާލި ނަމަވެސް ލިސްޓަށް ނޭރުން ވެގެން ދިޔައީ ފުޓްބޯޅައަށް ލޯބިކުރާ އެތައް ހާސްބަޔަކަށް ލިބުނު ބޮޑު ސިހުމަކަށެވެ.

ކޮންމެއަކަސް ދުނިޔެ މިހާތަނަށް ދުށް އެންމެ ހުނަރުވެރި، އެންމެ ގިނަ ދުވަހު މިގޮތުގައި ހިފަހައްޓައިލި ދެ ކުޅުންތެރީން ކަޓުވާލައި، މިފަހަރު، ސްޓޭޖުން ޖާގަ ހޯދާފައި ވަނީ، ޒުވާން ކުޅުންތެރީން ކަމަށްވާ ލަމިން ޔަމާލް، ރޮޑްރީ އަދި ޖޫޑް ބެލިންހަމް ފަދަ ހުނަރުވެރީންނެވެ.

މެސީއާއި ރޮނާލްޑޯގެ ވެއްޓުމާއެކު ފުޓްބޯޅައިގެ ބަދަލުވަމުންދާ އޮއިވަރާއި، އެވެރީންގެ ޒަމާން ނިމި، ދެން އެފަދަ ދެމެހެއްޓެނިވި ހުނަރުތަކެއް ފެނިދާނެތޯ ކުރެވެމުންދާ ސުވާލަކީ، މިއަދު މި ކުޅިވަރަށް ހިތްޖެހިފައިވާ ފަރާތްތަކުގެ މެދުގައި ކުރެވޭ ބޮޑު ބަހުސެކެވެ.

ފީފާ ބެލޮންޑިއޯ 2024 އެވޯޑް ހަފްލާ އޮންނާނީ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު ޕެރިހުގެ ތިއޭޓަރ ޑޫ ޝެޓެލެޓްގައެވެ.