ބުދަ ދުވަހުގެ ރޭ މާލެ ސިޓީގެ ރަސްފަންނާ ދިމާލު ތޮށިގަނޑުތިން ކަނޑަށް ފުންމާލި މީހަކު ހޯދަމުން ދަނިކޮށް ދޫނިދޫ ކައިރިން އޭނާގެ ހަށިގަނޑު ފެނިއްޖެއެވެ. 

ފުލުހުން ބުނީ، "ރަސްފަންނާ ދިމާއިން މޫދަށް ފިރިހެނަކު ފުންމާލިކަމުގެ ޚަބަރު ލިބުނީ، ރޭ 19:25 ކަންހާއިރު،" ކަމަށެވެ. އަދި އެ މައުލޫމާތި ލިބުމުން އެތަނަށް ފުލުހުން ދިޔަކަމަށާއި، އަދި އެވަގުތު އެމީހާ ފެންނާން އޮތުމުން، އެމީހާ ސަލާމަތްކުރުމަށް ފުލުހުން އެވަގުތު މަސައްކަތްވެސް ކުރި ކަމަށެވެ. 

"ނަމަވެސް ފަތާފައި އެމީހާއާ ހިސާބަށް ދެވުމުގެ ކުރީން އެމީހާ ވަނީ ވީނުވީއެއް ނޭނގި ގެއްލިފައި،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އެ މައުލޫމާތު އެމްއެންޑީއެފާ ހިއްސާކޮށް، އެމްއެންޑީއެފްގއެ އެހީތެރިކަމާއެކު އެމީހާ ހޯދުމުގެ މަސައްކަތް ރެއިން ފެށިގެންކުރަމުން އަންނަނިކޮށް، އޭނާގެ ހަށިގަނޑު ފެނިފައި ވަނީ، މިއަދު ހެނދުނު 9:10ކަންހާއިރު ކަމަށެވެ.

ކަނޑުމަތިން ފެނުނު މީހާއަކީ، ރޭ ގެއްލިގެން ހޯދަމުން ދިޔަ ޢުމުރުން 41 އަހަރުގެ އެ މީހާގެ ހަށިގަނޑުކަން ކަށަވަރު ވެފައިވާ ކަމަށާއި، އަދި އޭނާގެ ހަށިގަނޑު މިހާރު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އެމްއެންޑީއެފުން ބުނީ، "ރޭގެ ވަގުތެއްގައި ރަސްފަންނު ކައިރިން މޫދަށް ގެއްލުނު މީހާ ހޯދަމުން ދަނިކޮށް، މިއަދު 09:19 ހާއިރު ދޫނިދޫ ކައިރި މޫދުގައި އޮއްވައި ފެނިއްޖެ. މި މީހާގެ ހަށިގަނޑު އެމްއެންޑީއެފް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން މިހާރު ވަނީ މާލެ ގެނެސްފަ." ކަމަށެވެ.